އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ޤައުމުގެ ޢަސްކަރިއްޔާގެ އިސްވެރިޔާ މޭޖާ ޖެނެރަލް ޢަލީ ޢަބްދުالله ދެއްވައިފިއެވެ
އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މި އިންޒާރު ދެއްވާފައި ވަނީ ފަހަކަށް އައިސް މެދުއިރުމަތީގެ މަސްރަޙު ހޫނުވެ، ޚާއްޞަކޮށް ޒަޔަނިސްޓް އިސްރާއީލުން އެ ސަރަޙައްދުގައި ހިންގަމުންދާ އުދުވާނީ ޢަމަލުތަކާ ގުޅިގެންނެވެ.
އީރާނުގެ އަސްކަރީ ވެރިޔާ ވިދާޅުވީ، ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލަށް އަރައިގަތުމަށް ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅަށް ފަސްޖެހުމެއް ނެތި ޤައުމު ދިފާޢުކުރާނެ ކަމަށެވެ. އަދި ދުޝްމަނުންގެ ފަރާތުން ކިތަންމެ ކުޑަ ޙަމަލާއެއް އައި ކަމުގައި ވިޔަސް، އޭގެ ބަދަލު ކުރިއަށްވުރެ އެތައް ގުނައެއް ވަރުގަދަކޮށް ދޭނެ ކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ.
ތެހެރަނުން މި އިންޒާރު ދީފައި ވަނީ، ޣައްޒާއާއި ލުބުނާނަށް އިސްރާއީލުން މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކާއި، އީރާނާއި އިސްރާއީލާ ދެމެދު ބަދަލުކުރެވެމުންދާ ޙަމަލާތަކުގެ ސަބަބުން މުޅި ސަރަޙައްދު ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ އެ ޤައުމަކީ އިސްވެ ހަނގުރާމަ ފަށާނެ ބައެއް ނޫން ކަމަށާއި، ނަމަވެސް އެ ޤައުމުގެ މަޞްލަޙަތުތަކަށް ގެއްލުންދޭން އުޅޭ ކޮންމެ ފަރާތަކަށް ހައްޤު އަދަބު ދިނުމުގެ ފުރިހަމަ ޤާބިލުކަން އެ ޤައުމުގެ ސިފައިންނަށް ލިބިގެންވާ ކަމަށެވެ.



