އެމެރިކާއިން އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އަޅައި، ހަނގުރާމައެއް ފަށައިފިނަމަ، އޭގެ ސަބަބުން މުޅި ދުނިޔެ ހަކަތައިގެ ނުރައްކާތެރި ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް މެދުއިރުމައްޗާއި ބައިނަލްއަޤްވާމީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން އިންޒާރު ދީފިއެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރަށް ތެލާއި ގޭސް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑުއޮޅި އޮންނަ ސަރަޙައްދުގައި ހަމަނުޖެހުމެއް ހިނގައިފިނަމަ، ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް އޭގެ ނޭދެވޭ އަސަރު ވަގުތުން ކުރާނެއެވެ. ދުނިޔޭގައި ބޭނުންކުރާ ސާފުނުކުރާ ތެލުގެ ބޮޑު އިންސައްތައެއް މި ކަނޑުއޮޅި ހުރަސްކޮށް އެކި ޤައުމުތަކަށް އުފުލާއިރު، މި ސަރަޙައްދުގެ ރައްކާތެރިކަން ގެއްލިއްޖެނަމަ ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެމެރިކާއިން އީރާނަށް ޙަމަލާދީފި ނަމަ، އީރާނުން އަމިއްލަ ދިފާޢުގައި އަޅާނެ ރައްދު ފިޔަވަޅުތަކުގެ ސަބަބުން މުޅި މެދުއިރުމަތީގެ ހަމަޖެހުން ގެއްލި، ބައިނަލްއަޤްވާމީ އިޤްތިޞާދަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ. ހަކަތައިގެ ދަތިކަން ކުރިމަތިވުމަކީ ޔޫރަޕާއި އޭޝިއާގެ ގިނަ ޤައުމުތަކުގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރު ސީދާ ގޮތެއްގައި ފޯރާނެ ސަބަބެކެވެ.
މިފަދަ ހަނގުރާމައެއްގެ ނަތީޖާއެއްގެ ގޮތުން، ތަކެތީގެ އަގު އުފުލި، އިންފްލޭޝަން މައްޗަށް ގޮސް، ޢާންމު ދިރިއުޅުމުގެ ޚަރަދުތައް މުޅި ދުނިޔޭގައިވެސް އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން، ސަރަޙައްދީ ހަމަޖެހުމާއި ދުނިޔޭގެ އިޤްތިޞާދީ ރައްކާތެރިކަމަށްޓަކައި، ހަނގުރާމައިގެ ބަދަލުގައި ޑިޕްލޮމެޓިކް މަޝްވަރާތަކަށް އިސްކަންދިނުމަށް އެކި ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.




