ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ތެޔޮ އުފުލާ ޓޭންކަރެއް، ކަނޑުއަޑީގެ މައިނެއްގައި ޖެހި ގޮވުމުގެ ސަބަބުން އޭގައި ބޮޑު އަލިފާންގަނޑެއް ރޯވެ އަނދަން ފަށައިފި ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ހާމަކޮށްފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އައި.އާރު.ޖީ.ސީ އިން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ އެ ބޯޓުން ކަނޑުދަތުރުފަތުރުގެ ގަވާއިދުތަކާއި އުސޫލުތަކާ ޚިލާފުވެ، ގާނޫނާ ޚިލާފު ކަންތައްތަކެއް ކުރުމާ ގުޅިގެން ކަމަށެވެ. އަދި އެ ބޯޓު މައިނުގައި ޖެހުނީ އެ ސަރަހައްދުގެ ސަލާމަތީ އިންޒާރުތަކަށް ބެލުމެއްނެތި ދަތުރުކުރުމުގެ ސަބަބުން ކަމަށްވެސް އީރާނުގެ އަސްކަރިއްޔާއިން ބުނެއެވެ.
މި ހާދިސާ ހިނގި ވަގުތު ބޯޓުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އެ ބޯޓުން ދަތުރުކުރި ފަޅުވެރިންނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި މިހާތަނަށް މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ. މީގެއިތުރުން، އެ ބޯޓަކީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓެއްކަން އަދި ކަށަވަރުވެފައެއް ނުވި ނަމަވެސް، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަމާބެހޭ އިދާރާތަކުން ދަނީ ހާދިސާ އިތުރަށް ބަލައި މޮނީޓަރު ކުރަމުންނެވެ.


