ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތަކަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީ، ބޮޑު ކެންޓޭނަރު ބޯޓެއް ވެސް އިއްޔެ އަޑިޔަށް ދިޔުމާއި ގުޅިގެން، މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، އެމެރިކާ ބަލިގަބޫލުކޮށް ދޫދެންދެން ހަނގުރާމަކުރާނެ ކަމުގެ އިންޒާރު އީރާނުގެ ވެރިރަށް ތެހެރާނުން ދީފިއެވެ.
ދުނިޔޭގެ އެންމެ މުހިންމު ތެޔޮ އުފުލާ މަގު ކަމުގައިވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ބައެއް އާގުބޯޓުތަކަށް ވަނީ ޑްރޯން އަދި މިސައިލް ހަމަލާތަކެއް އަމާޒުވެފައެވެ. މި ހަމަލާތަކުގައި ބައެއް އުޅަނދުތައް އަޑިއަށް ގޮސްފައިވާއިރު، މިއީ އެ ސަރަހައްދުގައި އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެގެން ދިޔަ ކަމެކެވެ.
ތެހެރަނުގެ އަސްކަރީ އިސް އޮފިޝަލުންނާ ހަވާލާދީ މަސްދަރުތަކުން ބުނެފައިވަނީ، އީރާނުގެ ސިޔާދަތާއި މިނިވަންކަމަށް އުނިކަން އަންނަ ފަދަ އެއްވެސް އަމަލަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެމެރިކާއިން އެ ސަރަހައްދަށް ނުފޫޒު ފޯރުވުން ހުއްޓާލައި، ފަހަތަށް ޖެހެންދެން އެ ގައުމުގެ އަސްކަރިއްޔާއިން ހިތްވަރާއެކު ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް ތެހެރާނުން ވަނީ ބުނެފައެވެ.




