އެމެރިކާއިން އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކާއި ހުރަސްއެޅުންތަކާ އެކުވެސް، ފާއިތުވި މުއްދަތުގެ ތެރޭގައި ފަސް މިލިއަނަށް ވުރެ ގިނަ ޓަނުގެ ޕެޓްރޯލިއަމް އުފެއްދުންތައް ބޭރުގެ ގައުމުތަކަށް އެކްސްޕޯޓްކޮށްފައިވާ ކަމަށް އީރާނުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް އީރާނުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ، އެމެރިކާއިން އެ ގައުމުގެ އިގުތިސާދު ހީނަރުކޮށް، ތެލުގެ ވިޔަފާރި ހުއްޓުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، އެ ގައުމުގެ ހަކަތައިގެ އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރަށް ފޯރުކޮށްދިނުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންދާ ކަމަށެވެ. އަދި ބޭރުކުރެވުނު މި އުފެއްދުންތަކުގެ ސަބަބުން ގައުމުގެ އިގުތިސާދަށް ބޮޑު އާމްދަނީއެއް ވަދެފައިވާ ކަމަށްވެސް އީރާނުން ފާހަގަކުރެއެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ އެ ގައުމުގެ މައިގަނޑު އާމްދަނީ ބިނާވެފައިވާ ތެލުގެ ވިޔަފާރި ހުއްޓުވައި، ދުނިޔޭގެ މާލީ ނިޒާމުން އެ ގައުމު އެކަހެރިކުރުމެވެ. ނަމަވެސް، އީރާނުން ދަނީ އެކި އުކުޅުތައް ބޭނުންކޮށްގެންނާއި، މިނިވަން ވިޔަފާރީގެ އެހެން މަގުތައް ހޯދައިގެން އެ ގައުމުގެ ތެލާއި ޕެޓްރޯލިއަމް އުފެއްދުންތައް ގަންނާނެ ފަރާތްތަކަށް ފޯރުކޮށްދެމުންނެވެ.
މިކަމާ ގުޅޭގޮތުން ބައިނަލްއަގުވާމީ މުހައްލިލުން ވިދާޅުވަނީ، އެމެރިކާގެ ހުރަސްއެޅުންތަކާ އެކުވެސް މި މިންވަރަށް އީރާނުން ތެޔޮ ބޭރުކުރުމަކީ އެމެރިކާގެ ދަތިކުރުމުގެ ސިޔާސަތުތަކަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މިއީ ދުނިޔޭގެ ބާޒާރުގައި އީރާނުގެ ހަކަތައަށް އޮތް ޑިމާންޑް އަދިވެސް ވަރުގަދަކޮށް އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.



