އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ އެންމެ ޒައްރެއްވެސް އެ ޤައުމުން ބޭރު ނުކުރާނެ ކަމަށް، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙްސިން ރެޒާއީ ވިދާޅުވެއްޖެއެވެ. ރެޒާއީ މިހެން ވިދާޅުވީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން ހުޅަނގުގެ ޤައުމުތަކުން ކުރިމަތިކުރުވަމުންދާ ފިއްތުންތަކަށް ރައްދު ދެއްވަމުންނެވެ.
ރެޒާއީ ފާހަގަކުރެއްވި ގޮތުގައި އީރާނުގެ ނިއުކްލިއަރ ޤާބިލުކަމަކީ އެ ޤައުމުގެ އަމިއްލަ ސައިންސްވެރިންގެ ބުރަ މަސައްކަތުން ހޯދާފައިވާ ޤައުމީ ކާމިޔާބީއެކެވެ.
އަދި މީގެ އިތުރުން، ބައިނަލްއަޤްވާމީ ފަރާތްތަކުން އެދޭ ގޮތަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ޤައުމުން ބޭރުކުރުމަކީ އީރާނުން އެއްވެސް ޙާލަތެއްގައި ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި، އެއީ ޤައުމުގެ ސިޔާދަތާއި މިނިވަންކަމާ ގުޅިފައިވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހުޅަނގުގެ ބާރުތަކުން، ޚާއްޞަކޮށް އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ޙަރަކާތްތައް ހުއްޓުވުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އީރާނުން ދަނީ އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސުލްޙަވެރި ބޭނުންތަކަށް، ޚާއްޞަކޮށް ހަކަތަ އުފެއްދުމަށާއި ޞިއްޙީ ދާއިރާއަށް އަމާޒުކޮށްފައިވާ ޕްރޮގްރާމެއް ކަމަށް ބުނަމުންނެވެ.
އީރާނުން އަބަދުވެސް ބާރުއަޅަމުން ދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ސުލްޙަވެރި ބޭނުންތަކަށް ނިއުކްލިއަރ ހަކަތަ ތަރައްޤީކުރުމުގެ ޙައްޤު ކޮންމެ ޤައުމަކަށްވެސް އޮންނަން ވާނެ ކަމަށެވެ.



