އީރާނުގެ ހަރުކަށި ފިކުރުގެ ފަރާތްތަކުން ނިއުކްލިއާ ބޮމެއް އުފެއްދުމާ ގުޅޭގޮތުން ވާހަކަދައްކަމުން ދިޔަ ނަމަވެސް، ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ ބައިނަލްއަގުވާމީ މުއާހަދާއަށް އެ ގައުމުން ފުރިހަމައަށް އިހުތިރާމްކުރާ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ސަރުކާރުން މިހެން ބުނެފައި ވަނީ އެ ގައުމުގެ ނިއުކްލިއާ ސިޔާސަތަށް ބަދަލު ގެނައުމަށް އެތެރެއިން ބާރުއަޅަމުންދާ ދަނޑިވަޅެއްގައެވެ.
މީގެ އިތުރުން، އީރާނުގެ ބެލިސްޓިކް މިސައިލްތަކުގެ ރާސްތާ 2،000 ކިލޯމީޓަރަށްވުރެ ދުރަށް ނުދާނެހެން ކުރިން އޮތް ލިމިޓް އެ ގައުމުން ވަނީ އުވާލާފައެވެ. މި ބަދަލާއެކު ސަރަހައްދީ މަސްރަހު އިތުރަށް ހޫނުވެފައިވާއިރު، އީރާނުގެ ސަލާމަތީ ކަންކަމާބެހޭ އެންމެ އިސްވެރިޔާ ވިދާޅުވީ އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް މި ވަގުތު ކުރިއަށް ނުދާ ކަމަށެވެ.
2،000 ކިލޯމީޓަރުގެ ރާސްތާއިން އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާ ދެވުނު ނަމަވެސް، އީރާނުގެ އިރުމަތީ ސަރަހައްދުތަކުގައި މިސައިލް ލޯންޗަރުތައް ބަހައްޓައިގެން އިސްރާއީލާ ހަމައަށް ފޯރުކުރުމަށާއި، މެދުއިރުމަތިން ބޭރުގައި ހުރި އެމެރިކާއާއި ހުޅަނގުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކުރުމަށްޓަކައި މިއަށްވުރެ ދިގު ރާސްތާގެ މިސައިލް ބޭނުންވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އީރާނަށް ހަތިޔާރު އެތެރެވުން ހުއްޓުވުމަށް އެމެރިކާއިން ވަނީ ޓާސްކުފޯހެއް އެކުލަވާލާފައެވެ. އަލަށް އެކުލަވާލި މި ޓާސްކް ފޯހުގެ ސަބަބުން ހަނގުރާމަ އިތުރަށް ފުޅާވެދާނެ ކަމުގެ އިންޒާރު މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ދެމުންނެވެ.



