އިރާނާއެކު މިހާރު ކުރިއަށްދާ ސިޔާސީ މަޝްވަރާތަކަށް ކުރިއެރުން ލިބޭ ނަމަ އާ ހަމަލާތަކެއް އީރާނަކަށް ނުދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް ވިދާޅުވީ، އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލައާއި، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމާ ބެހޭގޮތުން ކުރެވޭ ސިޔާސީ މަޝްވަރާތަކުން ކާމިޔާބު ނަތީޖާއެއް ލިބިއްޖެނަމަ، އެމެރިކާއިން އިރާނަށް ކުރިއަށް އޮތް ތަނުގައި އާ ހަމަލާތަކެއް ދިނުމަކީ "ވަރަށް ނާދިރު" ކަމެއް ކަމަށެވެ.
ޓްރަމްޕްގެ ސަރުކާރުން ބޭނުންވަނީ ހަނގުރާމަ ދިގުދަންމާލުމުގެ ބަދަލުގައި، އެމެރިކާގެ ޝަރުޠުތަކާ އެއްގޮތަށް އިރާނާއެކު އާ އެއްބަސްވުމަކަށް އައުމެވެ.
ނަމަވެސް، އިރާނުގެ ސަރުކާރުން ބުނެފައިވަނީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކާއި ބްލޮކޭޑްތައް ހުއްޓާނުލާހާ ހިނދަކު މަޝްވަރާގެ މޭޒަށް ދިއުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި އެމެރިކާއިން ހަމަލާތައް ކުރިއަށް ގެންދާނަމަ އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަރަށް ބާރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް ދީފައިވެއެވެ.
މިހާރު މުޅި މެދުއިރުމަތީގެ މަސްރަޙު އޮތީ ސިޔާސީ ގޮތުން ކުރިއަށްދާ މި މަޝްވަރާތަކުގެ ނަތީޖާއަކަށް ހުއްޓިފައެވެ. މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ، ބޮޑު ހަނގުރާމައެއް އަލުން ފެށިދާނެ ކަމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.




