އެމެރިކާގެ މެދުތެރޭ ކޮމާންޑް އިން އިރާނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ އަދި އިޤްތިޞާދީ ފިއްތުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އާ ޓާސްކް ފޯހެއް އުފައްދާފައިވާކަން އިޢުލާނުކޮށްފިއެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ އިރާނުން ޒަމާނީ ހަތިޔާރާއި މުހިންމު ވަޞީލަތްތައް އެއްގަމު މަގުން އުފުލުން ހުއްޓުވުމެވެ. މިއީ އެމެރިކާއިން އިރާނުގެ ބަނދަރުތަކަށް އަމާޒުކޮށްގެން ހިންގަމުންދާ ކަނޑުގެ ބަންދު އިތުރަށް ފުޅާކުރުމުގެ ބައެކެވެ.
މި އާ ފިޔަވަޅުގެ ދަށުން އެމެރިކާގެ އަސްކަރިއްޔާއިން ބަލާނީ އިރާނުގެ އެއްގަމު ބޯޑަރުތަކުންނާއި ކެސްޕިއަން ކަނޑު މެދުވެރިކޮށް ހިންގާ ގާނޫނާ ޚިލާފު ވިޔަފާރިތަކާއި ހަތިޔާރު އުފުލުން ހުއްޓުވޭނެ ގޮތްތަކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، "ޓާސްކް ފޯސް އަޔަން ގޭޓް" ގެ ނަމުގައި ހިންގާ މި އޮޕަރޭޝަން މިހާރު އޮތީ ފުރިހަމަ ބާރާއެކު ތަންފީޛުވެފައެވެ.
ފްލޮރިޑާގެ ޓެމްޕާގައި ބޭސްވެގެން ހަރަކާތްތެރިވާ މި ޓާސްކް ފޯސްގައި މަދަނީ އަދި އަސްކަރީ 20 މާހިރުން ހިމެނެއެވެ. މި ޔުނިޓުން އެމެރިކާގެ ޓްރެޜަރީ، ސްޓޭޓް ޑިޕާޓްމަންޓް އަދި ޖަސްޓިސް ޑިޕާޓްމަންޓާ ގުޅިގެން، އިރާނަށް ނުގަވާއިދުން މުދަލާއި ހަތިޔާރު ފޯރުކޮށްދޭ ސަޕްލައި ލައިންތައް މެޕްކޮށް ހަލާކުކޮށްލުމުގެ މަސައްކަތް ކުރާނެއެވެ.
އެމެރިކާގެ ހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް ހިންގި ކަނޑުގެ ބަންދުގެ ސަބަބުން އިރާނަށް ތެލުން އެކަނި 25 ބިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީ ގެއްލިފައިވެއެވެ. ނަމަވެސް، އިރާނުން ރަޝިޔާ، މެދުތެރޭ އޭޝިއާ އަދި ޗައިނާ މެދުވެރިކޮށް އެއްގަމު މަގުން ދަތުރުފަތުރުކޮށް، ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކެން އުޅޭ ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.




