އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި، "އެންމެ ފުރިހަމަ ވަގުތަކަށް" އިންތިޒާރު ނުކޮށް ވީހާވެސް އަވަހަކަށް ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ޤަތަރުން ގޮވާލައިފިއެވެ.
މިކަމަށް ގޮވާލައްވާފައިވަނީ ޤަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝެއިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް ޘާނީއެވެ. އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގައި ބޭއްވުނު އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ، ސުލްހަ ގާއިމުކުރުމަށްޓަކައި އެންމެ އެކަށޭނަ ވަގުތެއް އަންނާނެ ކަމަށް ބަލައިގެން ތިބުމުގެ ފުރުސަތު މިހާރު ދެ ގައުމަށް ވެސް ނެތް ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. އަދި ސަރަހައްދީ ހަމަޖެހުމަށްޓަކައި މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ދަނޑިވަޅަކީ ދެ ގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުންތަކާއި ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ ވަގުތެކެވެ. އެގޮތުން، ސްޓްރެއިޓް އޮފް ހޮރްމުޒް ކައިރީގައި އޮންނަ އީރާނުގެ ގޭޝްމް ޖަޒީރާއަށް ދެ މިސައިލް ހަމަލާއެއް އަރާފައިވާ ކަމަށް އީރާނުގެ ރަސްމީ ނޫސް އޭޖެންސީ (އިރްނާ) އިން ވަނީ ރިޕޯޓްކޮށްފައެވެ.
އީރާނުގެ އެހެނިހެން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގޭޝްމް އައިލެންޑަށް އަމާޒުވި މި މިސައިލް ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެ، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށާއި ސަރަހައްދުގެ ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ޤަތަރުން ދަނީ މި ހަނގުރާމަ ހުއްޓުވައި، ދެފަރާތް ވާހަކަދެއްކުމުގެ މޭޒަށް ގެނައުމަށް ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.



