ޗައިނާ އާއި ރަޝިޔާގެ މެޑިކަލް ޓީމަކުން ގުޅިގެން، ވާގިނެތިފައިވާ ބަލިމީހެއްގެ ސްޕައިނަލް ކޯޑް ބަދަލުކުރުމުގެ ތާރީހީ އޮޕަރޭޝަނެއް މޮސްކޯގައި ކާމިޔާބުކަމާއެކު ކޮށްފިއެވެ.
12 ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަނަކީ ވާގިނެތިފައިވާ މީހުންނަށް އަލުން ހަރަކާތްތެރިވެވޭނެކަމުގެ އުންމީދު އާކޮށްދިން ކަމެއްކަމަށް ސަރޖަން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.
މި އޮޕަރޭޝަން ކުރިއަށްދިޔައީ އޮކްޓޫބަރު 14 އާއި 15 އާ ދެމެދު މޮސްކޯގެ "ސްކްލިފޮސޮވްސްކީ ރިސާޗް އިންސްޓިޓިއުޓް ފޯ އެމަރޖެންސީ މެޑިސިން" ގައެވެ. ޗައިނާގެ މަޝްހޫރު ސަރޖަން ރެން ޝިއާއޯޕިންގް ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަން ކުރެވުނު ބަލިމީހާގެ ސްޕައިނަލް ކޯޑް ބުރިވެފައިވަނީ މީގެ ތިން އަހަރު ކުރިން ދިމާވި ހާދިސާއެއްގައެވެ. ސަރޖަރީގެ ތެރެއިން ހަލާކުވެފައިވާ ނާރުގެ ބައި ވަކިކުރުމަށްފަހު، ސިކުނޑި މަރުވެފައިވާ (ބްރެއިން ޑެޑް) ޑޯނަރެއްގެ ކިބައިން ނެގި ސެލްތަކާއި، ސެލްތައް ގުޅުވައިދިނުމަށް އެހީތެރިވެދޭ "ޕޮލިއެތިލީން ގްލައިކޯލް" ބޭނުންކޮށްގެން އެ ނާރު ބަދަލުކުރިއެވެ.
މޮސްކޯގެ މޭޔަރު ސަރގޭ ސޮބްޔާނިން އޮކްޓޫބަރު 16 ގައި ވިދާޅުވީ، 12 ގަޑިއިރުގެ މި ސަރޖަރީއަށްފަހު ބަލިމީހާގެ ހާލަތު ރަނގަޅު ކަމަށެވެ. އަދި މިއީ ބައިނަލްއަގްވާމީ އެއްބާރުލުމާއެކު ސައިންސާއި މެޑިކަލް ޓެކްނޮލޮޖީ ކުރިއަރުވަން މޮސްކޯއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ކާމިޔާބީއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އޮޕަރޭޝަނަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، މީގެ ސަބަބުން ބަލިމީހާއަށް އަލުން ހަރަކާތްކުރުމުގެ ގާބިލުކަން ލިބޭނެތޯ ނުވަތަ ނޫންތޯ ކަށަވަރުވާނީ އިތުރު ދިރާސާތަކާއި އޮބްޒަވޭޝަންތަކަށްފަހު ކަމަށް ރަޝިއާގެ މެޑިކަލް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. މީގެ ކުރިން އިންސާނެއްގެ ބޯ ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރުމަށް ހުށަހަޅައިގެން ދުނިޔޭގެ ސަމާލުކަން ހޯދި ރެން ޝިއާއޯޕިންގްގެ މި ސަރޖަރީއާއެކު ސައިންސްގެ ދާއިރާއިން އަނެއްކާވެސް ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.




