ޗައިނާގެ ޓިބެޓް ސަރަހައްދަށް ފާއިތުވި ދެ ދުވަހު އައި ބާރުގަދަ ބިންހެލުންތަކެއްގައި އެތައް ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާގެ ފެށުމަކީ އިއްޔެރޭ އެ ސަރަހައްދަށް އައި 7.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެވެ. އެ ބޮޑު ބިންހެލުމަށްފަހު މިއަދާ ހަމައަށްވެސް އެ ސަރަހައްދަށް ދަނީ ބާރުގަދަ ލޮޅުންތައް އަރަމުންނެވެ. އެގޮތުން މިއަދު އެކަނިވެސް 4.5 އާއި 4.4 މެގްނިޓިއުޑްގެ ދެ ބިންހެލުން ޗައިނާގެ ސަރަހައްދަށް އައިސްފައިވާ ކަމަށް ބިންހެލުންތައް ދިރާސާކުރާ އިދާރާތަކުން ބުނެއެވެ.
މި ކާރިސާގައި މިހާތަނަށް ކަށަވަރުވެފައިވާ ގޮތުގައި 16 މީހުން ވަނީ މަރުވެފައެވެ. އަދި އެކިވަރުގެ އަނިޔާ ލިބުނު މީހުންގެ އަދަދު 76 އަށް އަރާފައިވާއިރު، ބައެއް މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބިންހެލުމުގެ ސަބަބުން 300 އަށްވުރެ ގިނަ ޢިމާރާތާއި ގެދޮރު އެއްކޮށް ބިމާހަމަވެފައިވާއިރު، 12,000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި ކުއްލި ހާލަތެއްގައި ވަނީ މަގުމަތިވެފައެވެ.
މީގެ އިތުރުން ފަރުބަދަތަކުން ހިލަތައް ފޭބުމުގެ ސަބަބުން ސަރަހައްދުގެ މައި ހައިވޭތަކާއި ރޭލު ދަތުރުތައް ވަނީ މެދުކެނޑިފައެވެ.



