ދިވެހިރާއްޖެއާއި ޗައިނާގެ މެދުގައި އޮތް ޒަމާންވީ ރަހްމަތްތެރިކަމުގެ ގުޅުމުގެ ތެރެއިން ތަރައްގީގެ މަގުގައި އިތުރު ފުރުސަތުތަކާއި ފާގަތިކަމާއި އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސް ވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 77 އަހަރު ފުރުމާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ދެގައުމުގެ ގުޅުން ބިނާވެފައިވަނީ ސުލްހަވެރިކަމާއި އިހްތިރާމާއި އަދި "ވަން ޗައިނާ ޕްރިންސިޕަލް" ދެމެހެއްޓުމުގެ މައްޗަށެވެ.
ޗައިނާއިން ރާއްޖޭގެ ތަރައްގީއަށް ވެދެމުންދާ އަގުހުރި އެހީތެރިކަމަށް އަލިއަޅުއްވާލައްވަމުން، ސިނަމާލެ ބްރިޖާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން ފްރީ ޓްރޭޑް އެގްރީމަންޓުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، "ސުލްހަމަސަލަސްކަމަކީ ތަރައްގީއަށް ފުރުސަތު ތަނަވަސްކޮށްދޭ ކަމެއް. އަދި ހަމަޖެހުމަކީ ފާގަތިކަމުގެ އަސާސް،" ކަމަށެވެ. މީގެއިތުރުން، ދުނިޔޭގެ މައިދާނުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނީ ގައުމުތަކުން ގުޅިގެން މަސައްކަތް ކޮށްގެންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިމަގަށް ބަލާއިރު، ޗައިނާއިން އިސްނަގައިގެން ކުރިއަށްގެންދާ ބައިނަލްއަގްވާމީ މަޝްރޫއުތަކުގެ ތެރެއިން ރާއްޖޭގެ ގައުމީ ތަރައްގީއަށް އިސްކަންދޭ ކަންކަމުގައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން ޝައުގުވެރިވާކަން ރައީސް ހާމަކުރެއްވިއެވެ. ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި އެގައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިންހުއާގެ އިތުރުން ދެގައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.









