ދިވެހިރާއްޖެ ފަދަ ގައުމަކަށް ސަގާފީ ތަރިކަ ގެއްލުމަކީ ގައުމީ ވަންތަކަމާއި، އަލުން ނުހޯދޭނެ ފަދަ މުހިންމު އިލްމެއް ގެއްލުންކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިަދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ "އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖް އޭޝިއާ"ގެ 4 ވަނަ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މި މަހުގެ 16 އިން 20 އަށް ޗައިނާގެ ހާންގްޒޫގައި ބާއްވާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވަޒީރު ތަގްރީރު ކުރައްވާފަވެއެވެ. މިއީ އޭޝިއާގެ ގައުމުތަކުގެ މެދުގައި ސަގާފީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި އެ ގައުމުތައް ގުޅިގެން އުފެއްދި ފުރަތަމަ ޖަމިއްޔާއެވެ.
އެ ކައުންސިލްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ސަގާފީ ތަރިކަ ގެއްލުމަކީ ހަމައެކަނި އާސާރީ ތަނެއް ގެއްލުން ނޫން ކަމަށާއި، އެއީ ޖަމާއީ ހަނދާންތަކާއި އަލުން ނުހޯދޭނެ މުހިންމު އިލްމުތަކެއް ގެއްލިގެންދިއުން ކަމަށެވެ. އަދި ސަގާފީ ތަރިކަ ހިމާޔަތްކުރުމުގައި ޒަމާނީ ޓެކްނޮލޮޖީގެ އީޖާދީ ވަސީލަތްތައް ހުރިހާ ގައުމުތަކަށް ވެސް ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

"އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖް އޭޝިއާ"ގެ 4 ވަނަ ކައުންސިލް ބައްދަލުވުމުގެ ތެރެއިން / ފޮަޓޯ: ހެރިޓޭޖް މިނިސްޓްރީ
މީގެއިތުރުން، ދިވެހީންގެ މާދަރީ ދިވެހިބަހާއި، އަމިއްލަ އިލްމާއި، އަދި ރާއްޖެ ފަދަ ކުދި މުޖުތަމައުތަކުގެ ސަގާފީ ސިފަތައް ޑިޖިޓަލް ދުނިޔޭގައި ތަމްސީލުވާންޖެހޭނެ ކަމަށް ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ. މިއީ ސަގާފީ ސިފަތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މުހިންމު ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 2040 ވަނަ އަހަރުގެ ތަސައްވުރަށް ރިއާޔަތްކުރައްވައި ވަޒީރު ވިދާޅުވީ، ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ ވިސްނުންފުޅަކީ ގައުމީ ފިކުރެއް ކަމަށެވެ. އަދި އެކަން ހާސިލުކުރުމަށްޓަކައި ދިވެހީންގެ އަމިއްލަ އައިޑެންޓިޓީ ރައްކާތެރިކުރުމަށް އިސްކަންދެއްވާކަމާއި، މުއައްސަސާތަކަށް ގެނެވޭ އިސްލާހުތަކާއި ތަރައްގީގެ ކަންކަން ބިނާވެފައިވަނީ މި ދުރުރާސްތާ ވިސްނުންފުޅުގެ މަތީގައިކަން ފާހަގަކުރެއްވިއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ޗައިނާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި "އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖް އޭޝިއާ"ގެ ކައުންސިލް ބައްދަލުވުމުގެ އިތުރުން ލިއާންގްޖޫ ފޯރަމްގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.





