އީރާނުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެ ޤައުމަށް އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ދިނުމަށް ރަޝިއާއިން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި ދިނުމަށް ހަމަޖެހިފައިވާ މި ލޯނުގެ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރާނެއެވެ. މި އެހީގެ ބޮޑު ބައެއް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އީރާނުގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށާއި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށެވެ.

ފާއިތުވި އަހަރުތަކުގައި ހުޅަނގުގެ ޤައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން، ރަޝިއާ އަދި އީރާނުން ދަނީ އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ސިޔާސީ، އަސްކަރީ އަދި އިޤްތިޞާދީ ގޮތުން ވަރުގަދަކުރަމުންނެވެ. މިގޮތުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި މުޢާމަލާތްތައް ފުޅާކުރުމަށާއި، ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ދާއިރާ ތަރައްޤީކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.