ރަޝިޔާއިން ޔޫކްރެއިނުގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ބޭނުންކޮށްގެން ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން 19 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ޔޫކްރެއިނުގެ އޮފިޝަލުން ހާމަކުރި ގޮތުގައި، ރަޝިޔާ ސިފައިން ވަނީ އެ ޤައުމުގެ އެކި ސިޓީތަކަށާއި އާންމުން ދިރިއުޅޭ އިމާރާތްތަކަށް، އަދި ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާލާފައެވެ. މި ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މި ފަހަކަށް އައިސް ވައިގެ މަގުން ދޭ ހަމަލާތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. މި ހަމަލާތަކުގެ މައިގަނޑު ބޭނުމަކީ ޔޫކްރެއިނުގެ ދިފާޢީ ބާރުތައް ބަލިކަށިކޮށް، އެ ޤައުމުގެ ހަކަތަ ފޯރުކޮށްދޭ ވިއުގަތައް ހަލާކުކޮށްލުން ކަމަށް ޔުކްރޭނުން ބުނެއެވެ.