މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައި ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ މުޅި ޖުމްލަ ފަތުރުވެރިންގެ 74 އިންސައްތައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ޖުމްލަ 1.7 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، އެއީ 1,282,773 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރަށްރަށުގެ ގެސްޓްހައުސްތަކުގައެވެ. އެއީ މުޅި ޖުމްލަ ފަތުރުވެރިންގެ 21 އިންސައްތަ ހިއްސާކުރާ 375,306 ފަތުރުވެރިންނެވެ.
މީގެއިތުރުން، ރާއްޖޭގެ ހޮޓާތަކުގައި 38,911 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ސަފާރީ އުޅަންދުފަހަރުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދަކީ 33,281 އެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެއީ 328,058 ފަތުރުވެރިންނެވެ. ދެވަނައިގައި 251,214 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، އިނގިރޭސިވިލާތުން 133,337 ފަތުރުވެރިން، ޖަރުމަނުވިލާތުން 116,774 ފަތުރުވެރިން އަދި އިޓަލީވިލާތުން 104,140 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށްޓަކައި ސަރުކާރާއި ކަމާބެހޭ އިދާރާތަކުން އެކި ފެންވަރުގެ 1,299 ތަނެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ. މިއާއެކު ފަތުރުވެރިކަމުގެ ސިނާއަތަށް ޖުމްލަ 69,051 އެނދު ނެރެ، ފަތުރުވެރިންނަށް އެކަން ފޯރުކޮށްދީފައެވެ.
ރިސޯޓުތަކުގެ އިތުރުން ރަށްރަށުގެ ލޯކަލް ޓޫރިޒަމާއި ގެސްޓްހައުސްތަކަށްވެސް ފަތުރުވެރިންގެ ބޮޑު ތަރުހީބެއް އަންނަނީ ދެމުންނެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް ލޯކަލް ޓޫރިޒަމް ހިޔާރުކުރަމުންދާއިރު، މިއީ ރަށްރަށުގެ އިގްތިސާދަށާއި އާންމު ފަރުދުންގެ އާމްދަނީއަށް ވެސް ބޮޑު ކުރިއެރުމެއް ލިބެމުންދާ ކަމެކެވެ.




