އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ކުރީގެ ޑިރެކްޓަރު ޖޭމްސް ކޯމީގެ މައްޗަށް، ޤައުމީ ދިފާޢީ މަޢުލޫމާތު ލީކުކުރި ކަމުގެ ކުށުގައި ފެޑެރަލް ޕްރޮސެކިއުޓަރުން އަނެއްކާވެސް ޖިނާއީ ދަޢުވާ އުފުލައިފިއެވެ. މިއީ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަބަދުވެސް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ކޯމީގެ މައްޗަށް، ޖަސްޓިސް ޑިޕާޓްމަންޓުން ޖިނާއީ ދަޢުވާ އުފުލި ތިންވަނަ ފަހަރެވެ. ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުން އެނގޭގޮތުގައި، މި މައްސަލައަކީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އޭނާ އެފްބީއައިގެ އިސްވެރިޔާގެ މަޤާމުގައި ހުންނެވިއިރު، "ނިއު ޔޯކް ޓައިމްސް" ނޫހަށް ސިއްރު މަޢުލޫމާތުތަކެއް ހާމަކުރި ކަމަށް ބުނާ މައްސަލައެކެވެ.
ނަމަވެސް، ކޯމީ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރައްވައި، މިއީ ޖަސްޓިސް ޑިޕާޓްމަންޓުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ވިދާޅުވެފައެވެ. އޭނާގެ ވަކީލު ޕެޓްރިކް ފިޓްޒްޖެރަލްޑް ވިދާޅުވި ގޮތުގައި، މީގެ ދިހައަހަރު ކުރިން ޓްރަމްޕްގެ ފުރަތަމަ ދައުރުގައިވެސް ދެޕްރޮސެކިއުޓަރުންގެ ޓީމަކުން މި މައްސަލަ ތަޙުޤީޤުކޮށް، ދަޢުވާ ކުރާނެ ސަބަބެއް ނެތް ކަމަށް ނިންމާފައިވެއެވެ. ކޯމީގެ މައްޗަށް މިފަހަރު ދަޢުވާ އުފުލާފައި ވަނީ "ކްރިމިނަލް އިންފޮމޭޝަން" ލިޔުމެއްގެ ދަށުން ސީދާ ޕްރޮސެކިއުޓަރުންނެވެ.
ޖޭމްސް ކޯމީ އަކީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ތަޙުޤީޤު ކުރަން ފެށުމުން، ޓްރަމްޕްގެ ފުރަތަމަ ދައުރުގައި މަޤާމުން ވަކިކުރި ބޭފުޅެކެވެ. މީގެ ކުރިން 2025 ވަނަ އަހަރު ކޮންގްރެސްއަށް ދޮގު މަޢުލޫމާތު ދިން ކަމުގެ ދަޢުވާއެއް އޭނާގެ މައްޗަށް އުފުލައި ފަހުން އެ މައްސަލަ ބާޠިލްކުރިއެވެ. އަދި 2026 ވަނަ އަހަރުގެ އެޕްރީލް މަހު، އިންސްޓަގްރާމްގައި "86 47" ޖަހާފައިވާ ފޮޓޯއެއް ހިއްސާކޮށްގެން ޓްރަމްޕްގެ ފުރާނައަށް ނުރައްކާކުރި ކަމުގެ ތުހުމަތުގައި ވެސް އޭނާގެ މައްޗަށް ދަޢުވާ އުފުލިފައިވާއިރު، އެ މައްސަލަ ކޯޓުގައި އަދިވެސް ދަނީ ހިނގަމުންނެވެ.


