ދިވެހިންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުގައި ހަރަކާތްތެރިވަމުންދިޔަ 29 ފޮރިން އިންވެސްޓްމަންޓެއް މިހާތަނަށް އުވާލެވިފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ސަޢީދު ވިދާޅުވީ، 2024 ވަނަ އަހަރު އަމަލުކުރަން ފެށުނު ފޮރިން އިންވެސްޓްމެންޓް ގާނޫނާ ގުޅޭ ސިޔާސަތުގެ ދަށުން، އަލަށް ކަނޑައެޅުނު ޝަރުތުތައް ފުރިހަމަކުރަންޖެހޭ 150 ފޮރިން އިންވެސްޓްމަންޓެއް ހިމެނޭ ކަމަށެވެ. މީގެ ތެރެއިން 17 ފޮރިން އިންވެސްޓްމަންޓަކުން ވަނީ އައު ސިޔާސަތަށް ކޮމްޕްލަޔަންޓްވުމަށްޓަކައި ހުށަހަޅާފައެވެ.
ބިދޭސީންނަށް ހަރަކާތްތެރިވުން މަނާކުރެވިފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، ރާއްޖެއަށް އޮޕަރޭޓްކުރާ އެއާލައިންތަކުގެ ޖެނެރަލް ސޭލްސް އޭޖެންޓުން، ޕެސެންޖަރ ސޭލްސް އޭޖެންޓުން އަދި ކާގޯ ސޭލްސް އޭޖެންޓުން ހިމެނެއެވެ. ވަޒީރު ސައީދު ފާހަގަކުރެއްވި ގޮތުގައި، ދިވެހިންނަށް ޝެއާ ބަދަލުކުރަން އެދޭ 17 ފަރާތުން އެކަން ކުރަނީ ނަމަކަށް ނޫންކަން ޔަގީންކުރުމަށްޓަކައި، ޕާޓްނާޝިޕް ޑޮކިއުމަންޓްތައް ނޮޓޮރައިޒްކޮށް، ހަގީގީ މާނައިގައި ދިވެހިންގެ ބައިވެރިވުން އުފެއްދޭނެ ކޮމްޕްލެކްސް ޕްރޮސީޖާއެއްގެ ތެރެއިން މަސައްކަތް ކުރަމުންދާނެއެވެ.
އައު އިންވެސްޓްމެންޓް ރިކުއަރމެންޓްސްގެ އަސާސަކީ ދިވެހިން ކުރިއަރަމުން އަންނަ ސިނާއަތްތަކުން ދިވެހިންނަށް އިސްކަންދީ، ބޭރުގެ ތަޖުރިބާ ބޭނުންވާ ދާއިރާތަކުން ފުރުސަތުތައް ހުޅުވާލުމެވެ. އަލަށް ދިވެހިންނަށް ހާއްސަކުރި ވިޔަފާރިތަކަށް މިހާރުވެސް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ގެއްލުން ނުވާނެހެން، އެ ދާއިރާތަކުން ނިކުތުމަށް ނުވަތަ ޓްރާންސިޝަން ވާން މުއްދަތެއް ދެވޭނެއެވެ. އަދި ބައެއް ދާއިރާތަކުގައި ދިވެހި ހިއްސާދާރަކާ ނުލައި ވިޔަފާރި ނުކުރެވޭ ގޮތަށް ނުވަތަ ޖޮއިންޓް ވެންޗަރ އުސޫލުން ކުރިއަށްދެވޭ ގޮތަށް ހަމަޖައްސާފަވެއެވެ.
އިފްތިސާދީ ވުޒާރާއިން ހާމަކުރި ގޮތުގައި، ދިވެހީންގެ ހުނަރާއި ގާބިލުކަން ހުރި ދާއިރާތައް ދިވެހިންނަށް ހާއްސަކުރެވި ނުވަތަ އައު ޝަރުތުތަކުގެ ތެރެއިން ހަނިކޮށްފިއެވެ. އެގޮތުން، 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫއުތަކާއި، 100 މިލިއަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫއުތަކާއި، އޮޑިޓިންގ އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ބޭރުގެ އިންވެސްޓަރުންނަށް ހަރަކާތްތެރިވެވޭނީ މަދުވެގެން %25 ދިވެހިންގެ ހިއްސާ ހިމެނޭގޮތަށެވެ.
މީގެއިތުރުން، 100 މިލިއަން ޑޮލަރަށްވުރެ ދަށުގެ ރެޒިޑެންޝަލް ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތަކާއި، އާންމު ކަނޑު ދަތުރުފަތުރުގެ ހިދުމަތްތައް (ޖެނެރަލް ސީ ޓްރާންސްޕޯޓް) ވެސް މުޅިން ދިވެހީންނަށް ހާއްސަކޮށްފިއެވެ. މި ދާއިރާތަކަކީ ދިވެހި ވިޔަފާރިވެރިންނަށް ބޮޑެތި ފުރުސަތުތަކެއް އޮތް އަދި އިންވެސްޓް ކުރުމުގެ ގާބިލުކަން ސީދާ ލިބިގެންވާ ދާއިރާތައް ކަމަށް އިގްތިސާދީ ވުޒާރާއިން ފާހަގަކުރެއެވެ.





