ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރަށް ފުޅާކުރުމުގެ ގޮތުން، އެސްއެމްއީ ޑިޖިޓަލްގެ ތިން ފައިނޭންސިންގ ފެސިލިޓީއަކަށް ކަނޑައަޅާފައިވާ ލިމިޓް 10 މިލިއަން ރުފިޔާއަށް މަތިކޮށްފިއެވެ. ކުރިން 5 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރަމުން އައި މި ފެސިލިޓީތަކުގެ ލިމިޓް ދެގުނައަށް އިތުރުކޮށްފައިވަނީ، ވިޔަފާރިތަކަށް އަންނަ ހަލުވި ކުރިއެރުމާ އެއްވަރަށް މާލީ އެހީތެރިކަމަށް އޮތް ބޭނުންތެރިކަން ފުއްދައިދިނުމުގެ މަގުސަދުގައެވެ.
މި ބަދަލު ގެނެސްފައިވަނީ މުޅިން އަލަށް ފަށާ ވިޔަފާރިތަކާއި މިހާރުވެސް ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ދޫކުރާ "އެސެޓް ފައިނޭންސިންގ"، "ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ" އަދި "ވެސެލް ފައިނޭންސިންގ" އަށެވެ. މީގެ ތެރެއިން އެސެޓް ފައިނޭންސިންގއަކީ ވިޔަފާރިއަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ދޫކުރާ އެހީއެކެވެ. އަދި ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ ޚާއްސަކޮށްފައިވަނީ ވިޔަފާރި ހިންގާތާ ދެ އަހަރު ވެފައިވާ ފަރާތްތަކަށް، ކެޕިޓަލް އިންވެސްޓްމަންޓްތަކުގެ ޒަރީއާއިން ވިޔަފާރި ފުޅާކޮށް އައު މާކެޓްތަކަށް ވާސިލުވުމަށް ފުރުސަތު ތަނަވަސްކޮށްދިނުމަށެވެ.
ވެސެލް ފައިނޭންސިންގ ފެސިލިޓީއަކީ އުޅަނދު ގަތުމަށާއި، ބަނުމަށް އަދި އިންޖީނު އެޅުމާއެކު އުޅަނދުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ދޫކުރާ ފެސިލިޓީއެކެވެ. މި ފުރުސަތުގެ ދަށުން ޑައިވް ދޯންޏާއި، ސްޕޯޓްސް ފިޝިންގ އުޅަނދުތަކާއި، އެކްސްކާޝަން އަދި މަސްވެރިކަމުގެ އުޅަނދުތަކަށް ފައިނޭންސް ހަމަޖައްސައިދެވޭނެއެވެ. އެސްއެމްއީ ޑިޖިޓަލްއިން ފާހަގަކުރި ގޮތުގައި، ވިޔަފާރިތައް ފުޅާކުރަން މަސައްކަތްކުރާ ދަނޑިވަޅެއްގައި ފަސޭހަކަމާއެކު އެކަށީގެންވާ ފައިނޭންސިންގ ލިބެން ހުރުމަކީ ވިޔަފާރިތަކުގެ ކުރިއެރުމަށް އެޅޭ ވަރަށް މުހިންމު ބާރެކެވެ.
މި ނިންމުމާ ގުޅޭގޮތުން އެ އިދާރާގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ފައިނޭންސިންގ ލިމިޓަކީ އެއްވެސް ވިޔަފާރިއެއްގެ ކުރިއެރުމަށް އެޅޭ ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި މިއީ ވިޔަފާރިތަކަށް މިވަގުތު ކޮންމެހެން ބޭނުންތެރި ބަދަލެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ ވިޔަފާރިތަކުގެ މާލީ ބޭނުންތައް ފުއްދައިދީ، އެ ވިޔަފާރިތައް އައު ހަރުފަތަކަށް ގެންގޮސްދިނުމުގައި ދެމިއޮންނަ އިތުބާރުހުރި ބައިވެރިއަކަށް ވުން ކަމަށެވެ.
މި ގެނެވުނު ހެޔޮ ބަދަލާއެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ދައުރު އިތުރަށް ހަރުދަނާވެގެންދާނެއެވެ. މި ފައިނޭންސިންގ ފުރުސަތުތަކަށް އެދި ހުށަހެޅުމުގެ ދޮރު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ޝައުގުވެރިވާ ފަރާތްތަކުން އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓު (smedigital.mv) ގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.





