ނަފްސާނީ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ އިތުރުން ރައްކާތެރިވުމާއި މައްސަލަތައް ކުރިއާލާ ދެނެގަތުމުގައި އެކަށީގެންވާ ވަގުތުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއްކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި ޔުނިސެފް ގުޅިގެން މީރުމާ ހޮޓަލުގައި ކުރިޔަށްދާ "ކިހިނެތް؟ މެންޓަލް ހެލްތު މަޝްވަރާ" ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ "ނަފްސާނީ ދުޅަހެޔޮކަމުގެ މަޝްވަރާ - ރައްކާތެރިކަމަށް އިސްކަންދިނުން، ނަފްސާނީ ދުޅަހެޔޮކަމުގެ މިސްރާބު ބަދަލުކުރުން" މި ޝިއާރުގެ ދަށުންނެވެ. އަދި، ކުޑަކުދިންނާއި، ފުރާވަރުގެ ކުދިންގެ އިތުރުން ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ގައުމީ ފެންވަރުގައި ނުހަނު އިސްކަންދޭންޖެހޭ ކަމެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"މިއަދުގެ މި މަޝްވަރާއަކީ މިހާރުގެ ހާލަތު ވަޒަންކޮށް، ހުރި ގޮންޖެހުންތައް ދެނެގަނެ، ބަލިން ރައްކާތެރިވުމަށް އިސްކަންދޭ އުސޫލެއްގެ ދަށުން އަމަލީ ގޮތުން ކުރެވިދާނެ ކަންކަމާމެދު އެއްބަސްވުމަކަށް އައުމަށް ލިބޭ މުހިންމު ފުރުސަތެއް،"
މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ކިހިނެތް؟ މެންޓަލް ހެލްތު މަޝްވަރާ" ބައްދަލުވުމުގައި / ފޮޓޯ: ހެލްތު މިނިސްޓްރީ
ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށްޓަކައި "ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2025-2029" އެކުލަވާލައި، މުހިންމު ގިންތިތަކަކުން އަމަލީ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިގޮތުން، ހޭލުންތެރިކަން އިތުރުކުރުމާއި، އެހީތެރިކަން ފޯރުކޮށްދޭ ހޮޓްލައިންތަކާއި ސްކްރީނިންގ ފަދަ ހިދުމަތްތައް ތައާރަފުކޮށް ގިނަ ކުރިއެރުންތަކެއް ހޯދާފަވެއެވެ. އަދި އަސާސީ ސިއްހީ ހިދުމަތުގެ ތެރެއިން މިކަންކަން ފޯރުކޮށްދިނުމާއި، ރައްކާތެރި އަދި އެހީތެރިކަން ލިބޭ މަދަރުސީ މާހައުލެއް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
ކުރިއަށް އޮތް ތަނުގައި ކުރަން ރޭވިފައިވާ މަސައްކަތްތަކަށް ބަލާއިރު، މަދަރުސީ މާހައުލުގައި ނަފްސާނީ އެހީތެރިކަން ދިނުން ފުޅާކުރުމާއި، އަތޮޅުތަކުގެ އަސާސީ ސިއްހީ ހިދުމަތްތަކުގެ ތެރެއިން މި ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުން ހިމެނެއެވެ. އަދި ކަމާގުޅޭ ދާއިރާތަކަށް ބޭނުންވާ ތަމްރީނާއި ވަސީލަތްތައް ފޯރުކޮށްދީ، ނިޒާމީ ފެންވަރުގައި ގށބިލުކަން އިތުރުކުރުމަށްވެސް ނިންމާފަވާކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، ހިދުމަތްތައް އެއް ނިޒާމެއްގެ ތެރެއިން ލާމެހިގެންދާނެ ގޮތަށް ކަންކަން ތަރުތީބުކޮށް، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން އިސްކަންދޭނެކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވިގޮތުގައި، ކޮންމެ ކުއްޖަކާއި ޒުވާނަކަށްވެސް ނަފްސާނީ ދުޅަހެޔޮކަމާއެކު އެއްވެސް އުނދަގުލެއްނެތި ބޮޑުވެ ތައުލީމު ހާސިލުކުރެވި ކުރިޔަށް ދެވޭނެ މުސްތަގުބަލެއް ބިނާވާންޖެހެއެވެ. އަދި މިކަމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ، މިއަދުގެ ސަރުކާރުން އެދޭ އެންމެ ބޮޑު އެއް ކަންތައް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް ހަރުދަނާ ކުރުމުގައި ކުރިއެރުންތަކެއް ހޯދާފައިވީނަމަވެސް، ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާއާއި، އާއިލާތަކާއި މުޖުތަމައުތަކުން ކުރާ މަސައްކަތްތަކަކީ ޒުވާނުންގެ ބަދަލުވަމުންދާ ބޭނުންތަކާ ގުޅޭ، ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރެވޭ މުހިންމު މަސައްކަތްތަކަކަށް ހަދަންޖެހޭ ކަމަށް މިނިސްޓަރ ގީލާ އަލީ ވިދާޅުވިއެވެ.




