ނިމިދިޔަ ސެޕްޓެމްބަރު މަހު ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ ޖުމްލަ 88 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންގެ 44 މައްސަލައާއި ފިރިހެން ކުދިންގެ 44 މައްސަލައެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން ޖިސްމާނީ އަނިޔާގެ 29 މައްސަލައެއް (15 ފިރިހެން، 14 އަންހެން) ރިޕޯޓުކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ 16 މައްސަލައެވެ. މީގެ އިތުރުން ޖިންސީ ހާނިއްކައިގެ 15 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މީގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާ ގުޅޭ 3 މައްސަލައަކާއި އަންހެން ކުދިންނާ ގުޅޭ 12 މައްސަލައެކެވެ. ހަމައެއާއެކު، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލައާއި، ނަފްސާނީ ހާނިއްކައިގެ 8 މައްސަލައާއި، ގަނާ ލިބުމުގެ 5 މައްސަލައިގެ އިތުރުން ބްލެކްމެއިލްކުރުމުގެ 1 މައްސަލަވެސް ހިމެނެއެވެ.
މިފަދަ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް، ޗައިލް ހެލްޕްލައިން (1412) އަށް 1,662 ކޯލު އަދި ސޯޝަލް ސަރވިސް ހެލްޕްލައިން (1421) އަށް 511 ކޯލާއެކު ޖުމްލަ 2,173 ކޯލު ލިބިފައިވެއެވެ. އަދި މި މުއްދަތުގައި 188 ފަރާތަކަށް ކައުންސިލިންގ ސެޝަން، 29 ފަރާތަކަށް ޕޭރެންޓިންގ ސެޝަން އަދި 2 ފަރާތަކަށް ސައިކޯސޯޝަލް ސަޕޯޓް ވަނީ ފޯރުކޮށްދީފައެވެ.




