މި ސަރުކާރަށް 3 އަހަރުވެގެންދިޔައިރު މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހައްލު ގެނެސްދެއްވާފައިވާ ކަމަށާއި، މިއީ މަސްވެރިންނާ އެންމެ ގާތުން މަސައްކަތްކުރެއްވި ސަރުކާރު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މި ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އާންމުކުރި ހާއްސަ މެސެޖެއްގައި ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ 3 އަހަރަކީ މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް އުފާފާގަތިކަން ގެނެސްދިން ދުވަސްތަކެއް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށްޓަކައި ވަރަށް ފުރިހަމަ މެނިފެސްޓޯއަކާ އެކު ކަމަށާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައި ޒަމާނުއްސުރެ ހުރި މައްސަލަތައް ހައްލުކޮށް، ކަނޑުގެ ވަސީލަތްތަކުން ދިވެހީންނަށް ލިބޭ ނަފާ އިތުރުކުރުމަށް ގިނަ ކަންތައްތަކެއް އެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މަސްވެރިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކިރާ މަހަށް ފައިސާ ނުލިބި ދިގުލައިގެން ދިއުމެވެ. މިގޮތުން ގިނަ އާއިލާތަކެއް އެ ތަކުލީފު ތަހައްމަލު ކުރަމުން ދަނިކޮށް، މި ސަރުކާރުން އެންމެ އިސްކަމެއް ދެއްވީ މިފްކޯއިން މަސްވެރިންނަށް ދޭންޖެހިފައި ހުރި ފައިސާ ދީ ހަލާސްކުރުމަށެވެ. ސަރުކާރަށް އަހަރެއް ނުވަނީސް އެ ވައުދު ފުއްދެވުމުގެ އިތުރުން، މިހާރު މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
"ސާޅީހަކަށް އަހަރުވީ އެންމެ ފެކްޓްރީއަކާ އެކީގައި ރާއްޖޭން ބޭރު ކުރާ މަހުގެ %85 މި ބޭރު ކުރަނީ ރޯ މަހުގެ ގޮތުގައި. އެހެންކަމުން ރާއްޖޭގައި އަގު އެއްކުރެވޭނެ ގޮތަށް ވަސީލަތްތައް ގާއިމްކުރެވެން ޖެހޭ، ފެކްޓްރީތައް އިތުރުކުރަންޖެހޭ. އެގޮތުން ރާއްޖޭގައި 3 ފެކްޓްރީއެއްގެ މަސައްކަތް އެބަދޭ ކުރިއަށް." ވަޒީރު ވިދާޅުވި އެވެ.
މަސް ރައްކާކުރެވޭނެ ނިޒާމު ނެތުމުގެ ސަބަބުން މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން ކޯލްޑް ސްޓޯރޭޖްގެ ޖާގަ އިތުރުކުރުމަށް ރައީސް ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި، އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މަސްވެރިންނަށް ފަސޭހައިން އައިސް ނުލިބޭ މައްސަލައަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެކަން ހައްލުކުރުމަށްޓަކައި މިހާރުވެސް 21 ރަށެއްގައި އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމެއްގައި އެންމެ ގިނަ އައިސްޕްލާންޓު ގާއިމުކުރި ސަރުކާރަކީ މި ސަރުކާރު ކަމަށާއި، ތާރީހުގައި ވެސް 5 އަހަރުގެ ދައުރެއްގެ ތެރޭގައި އެންމެ ގިނަ އައިސްޕްލާންޓް ގާއިމުކުރި ސަރުކާރަށް މި ސަރުކާރު ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.




