ރާއްޖޭގައި މެރިކަލްޗާގެ ދާއިރާ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި އެންމެ އިސްކަމެއް ދޭންޖެހެނީ އެ ދާއިރާއިން މީހުން ބިނާކުރުމަށް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހިންގި "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން ކުރިއަށްގެންދިޔަ 4 ވަނަ "ބޭސިކް މެރިކަލްޗާ ޓްރެއިނިންގް ކޯސް" ނިންމުމަށް މިއަދު ކ. މަނިޔަފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ސަރުކާރުން މެރިކަލްޗާ ދާއިރާއަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި މި ދާއިރާ ކުރިއެރުވުމަށްޓަކައި އަމަލީ މައިދާނުގައި ހަރަކާތްތެރިވާނެ ފަންނީ މީހުން ތަމްރީނުކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމުގައި ފާހަގަކުރެއްވި އެވެ.
"މެރިކަލްޗާ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްގީކުރުމަށް އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ މިދާއިރާއަށް މީހުން ބިނާކުރުން. މި ދާއިރާގެ އަމަލީ މަސައްކަތްތަކުގައި ހަރަކާތްތެރިވާނެ ފަރާތްތަކާއި އަދި މި ދާއިރާ ކުރިއެރުވުމަށްޓަކައި، މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް އަދި މީހުން ބިނާކުރުމަށް މިކުރާ މަސައްކަތް މީގެ ތެރޭގައި ހިމެނޭނެ،" ވަޒީރު ވިދާޅުވި އެވެ.
ސަރުކާރުގެ "ހަފްތާ 14" މަގުޗާޓުގައި ހިމެނޭ ވައުދުތަކުގެ ތެރެއިން ފެށުނު މި ޕްރޮގްރާމަކީ، ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުކުރުމުގެ ފަންނީ ހުނަރާއި އެކުއަކަލްޗާގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުވުމަށް ފަށާފައިވާ މުހިންމު ތަމްރީނެކެވެ. މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) އާއި ވޯލްޑް ބޭންކުގެ "ޓްރާންސްފޯމް" ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިންގް ފެސިލިޓީގައި މިދިޔަ އޮކްޓޫބަރު 31 އިން ނޮވެމްބަރު 12 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި ރާއްޖޭގެ 9 އަތޮޅަކުން 11 ބައިވެރިން ވަނީ ތަމްރީނު ފުރިހަމަކޮށްފަ އެވެ.
މި ކޯހުގައި އެކުއަކަލްޗާގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، މަހުގެ ބަޔޮލޮޖީގެ އިތުރުން ފާނައާއި ހުއިފިލަނޑާ، ކްލައުން ފިޝް (ދިވެހި މާގަނޑުމަސް)، އިތާމުތް އަދި ސީވީޑް (މޫދުވިނަ) އާލާކުރާނެ ގޮތްތައް ވަނީ ދަސްކޮށްދީފަ އެވެ. އަދި އާލާކުރާ ދިރުންތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި، ތިމާވެށްޓަށް ގެއްލުން ކުޑަވާނެހެން މަސައްކަތް ކުރާނެ ގޮތްތަކުގެ ތިއަރީ އަދި އަމަލީ ތަޖުރިބާ ވަނީ ފޯރުކޮށްދީފަ އެވެ. މީގެއިތުރުން، އުފެއްދުންތައް މާކެޓްކުރުމުގެ މައުލޫމާތު ދިނުމާއި، އިންޑަސްޓްރީ އެކްސްޕޯޒަާ ހަރަކާތެއްގެ ގޮތުން ބ. ފެހެންދޫގައި ހިންގާ އަމިއްލަ ސީވީޑް ފާމަކަށްވެސް ބައިވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މިފަދަ ތަމްރީނުތަކުގެ ސަބަބުން ރަށްރަށާ ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިވެ، ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ އެވެ. ވުޒާރާއިން ހާމަކުރި ގޮތުގައި، މި ސިލްސިލާގެ ދަށުން 2027 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކުވެސް އިތުރު 4 ކޯސް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފަ އެވެ.




