ލޮނުފެނުން މަސް ފިނިކުރާ (އާރުއެސްޑަބްލިއު) ނިޒާމް ހަރުކުރި މަސްދޯނިފަހަރުގެ ހިންގުމުގެ ހަރަދު ކުޑަވެފައިވާކަމަށް މިނިސްޓްރީ އޮފް ފިޝާރީސް, އެގްރިކަލްޗަރ އެންޑް އޯޝަން ރީސޯރސެސްއިން ވިދާޅުވެއްޖެ އެވެ. މިނިސްޓްރީ އޮފް ފިޝަރީސްއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ދޫކުރާ މި ލޯނުގެ ދަށުން، މިހާތަނަށް 40 އުޅަނދަކަށް 37.98 މިލިޔަން ރުފިޔާ ދޫކޮށްފަވެ އެވެ. ސިސްޓަމް ހަރުކުރި އުޅަނދުތަކުގެ ހިންގުމުގެ ހަރަދު 20 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުޑަވެފައިވާކަން މިނިސްޓްރީއިން ފާހަގަކުރެއްވި އެވެ.
މި ލޯނު ޕްރޮގްރާމް ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެންބަރުމަހު އެވެ. ނަމަވެސް، މަސްވެރިންނަށް އިތުރު ލުއިތަކާއެކު އަލުން ފުރުސަތު ހުޅުވާލެވު ނެވެ. މި ފެސިލިޓީގެ ދަށުން އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފައިނޭންސިންގ ލިމިޓް 4 މިލިޔަން ރުފިޔާއަށް ބޮޑުކޮށްފައިވާއިރު، މިހާރު އިންޖީނު އެޅުމަށާއި ބާޑް ރެއިޑަރ ހަރުކުރުން ފަދަ ކަންކަމަށްވެސް ފުރުސަތު ހުޅުވާލެވިފވެ އެވެ. އަދި ދޫކުރާ ލޯނުގެ 35 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ދޫކުރާ ފައިސާ އެވެ.
ސަރުކާރުގެ ބޮޑު އަމާޒަކީ ޖުމްލަ 200 މަސްދޯނީގައި އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރު މެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް 13 ފަރާތަކުން އިންސްޓޮލޭޝަން މަސައްކަތް ނިންމާފައިވާއިރު، 6 އުޅަނދެއް އިންސްޕެކްޓްކޮށް ލޯނުގެ 35 އިންސައްތަ އުނިކޮށްދި ނެވެ. މީގެއިތުރުން، މިކަމަށް މަސްވެރިން ހޭލުންތެރިކުރުވުމުގެ ގޮތުން 12 އަތޮޅެއްގެ 22 ރަށެއްގައި ހޭލުންތެރިކުރުވުމުގެ ސެޝަންތައްވެސް ކުރިއަށްގެންދިޔަ އެވެ.
މި ލޯނު ޕްރޮގްރާމް ހިންގުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނު މެވެ. އަދި އައިސް ހޯދުމަށް ކުރަންޖެހޭ ހަރަދު ކުޑަކޮށް، މަސްވެރިންނަށް މާލީގޮތުން ބޮޑު ލުޔެއް ހޯދައިދިނު މެވެ.
މީގެ އިތުރުން، މަސްވެރިން ބާނާ މަސް ގިނަވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީވެސް މުހިންމު މަގަސަދެ ކެވެ. މީގެ ސަބަބުން ކަނޑުމަތީގައި ގިނަވަގުތު ހޭދަކޮށްގެން މަސްވެރިކަން އިތުރަށް ތަރައްގީކޮށް، މަސްވެރިންގެ އާމްދަނީ އިތުރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އެވެ.





