ކަނޑުމަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ސާކްގެ ގައުމުތަކުގެ މެދުގައި ހާއްސަ ސަރަހައްދީ ޕްލެޓްފޯމެއް ގާއިމުކުރުމަށް ނިންމައިފި އެވެ.
މި ނިންމުން ނިންމާފައިވަނީ ސާކް އެގްރިކަލްޗާ ސެންޓަރު އަލުން ހަރަކާތްތެރިކުރުވުމުގެ މަސައްކަތުގެ ދަށުން، ކަނޑުގެ މަސްވެރިކަމުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް މެންބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ބޭއްވި ސަރަހައްދީ މަޝްވަރާ ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި ސާކްގެ މެންބަރު ގައުމުތަކުގެ މަންދޫބުން ވަނީ ބައިވެރިވެފަ އެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓާ އޮފް ސްޓޭޓް ފޯ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މުހައްމަދު މުއްތަލިބު ވަނީ، ސަރަހައްދީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. މިފަދަ މަސައްކަތްތަކަކީ ސަރަހައްދުގެ ކާނާގެ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ދިރިއުޅުމާއި، އަދި އިގްތިސާދީ ކުރިއެރުން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް މުއްތަލިބު ވިދާޅުވި އެވެ. މީގެ އިތުރުން މައުލޫމާތު ހިއްސާކުރުމާއި އާ އީޖާދީ ގޮތްތައް ބޭނުންކުރުމަކީ މި ދާއިރާގެ ކުރިމަގަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން މުއްތަލިބު ފާހަގަކުރެއްވި އެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި:
1. ވިޔަފާރީގެ ގޮތުން މުހިންމު މަހުގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުން.
2. ބޭނުންކުރެވޭ މިންވަރަށްވުރެ އިތުރަށް މަސްބޭނުމާއި، ގަވާއިދާ ހިލާފަށް ބާނާ މަހުގެ މައްސަލަތަކަށް ހައްލު ހޯދުން.
3. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރުން.
4. މަސްވެރިކަމުގެ އުފެއްދުންތަކުގެ އަގު އެއްވަރުކުރުމާއި ބާޒާރުތަކަށް ފަސޭހައިން ވަދެވޭނެ ގޮތްތައް ހޯދުން.
5. މަސްވެރިކަމުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުން.
އެގޮތުން ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި މި މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ސަރަހައްދީ ރޯޑްމެޕެއް އެކުލަވާލުމުގެ މަޝްވަރާތައް ވަނީ ކުރިއަށް ގޮސްފަ އެވެ. އަދި ކޮންމެ ގައުމަކަށް ހާއްސަ އެކްޝަން ޕްލޭންތަކެއް ތައްޔާރުކުރުމުގެ މަސައްކަތާއި، ސަރަހައްދީ ފެންވަރުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އިރުޝާދުތައް ހިމެނޭ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންކަމަށް އެ މިނިސްޓަރީން ހާމަކުރި އެވެ.









