ތ. ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމުގެ މަޝްރޫއު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. ހިރިލަންދޫގައި މަސް ފިނިކޮށް ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މި މަޝްރޫއުގެ ދަށުން 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއްގެ އިތުރުން، 10 މެޓްރިކް ޓަނުގެ ބްލާސްޓް ފްރީޒަރަކާއި، 0 ޑިގްރީ ސެލްސިއަސްގެ އެންޓޭ ރޫމަކާއި މަސް ޕްރޮސެސްކުރާނެ ހާއްސަ ސަރަހައްދެއް ތަރައްގީކުރާނެ އެވެ. އަދި ކޮމްޕްރެސަރު ރޫމާއި، ކަރަންޓު ވިއުގައާއި، ބެކަޕް ޖަނަރޭޓަރާއި، އަލިފާނުން ރައްކާތެރިވުމުގެ ނިޒާމާއި، އީއެލް.ވީ ނިޒާމުތައް ގާއިމުކުރުމާއެކު، ޢިމާރާތުގެ ބޭރުގެ އެންމެހައި މަސައްކަތްތައްކޮށް ސައިޓް ފުރިހަމައަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް، މަސްވެރިން ބާނާ މަހަށް އެކަށީގެންވާ ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، "ޕްރައިވެޓް ސެކްޓަރު އިނީޝިއޭޓިވް މޮޑެލް" ގެ ދަށުން މި ރަށުގައި ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތާއެކު ކޮމާޝަލް މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރި އެވެ.
މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ، 1,146 މީހުންގެ އާބާދީއެއް އޮތް ހިރިލަންދޫއަކީ އެވްރެޖްކޮށް ދުވާލަކު 30 ޓަނުގެ މަސް ބާލާ ރަށެކެވެ. އަދި މަސްވެރިކަން ރަނގަޅު މޫސުމުގައި މި އަދަދު 50 ޓަނަށްވުރެ މައްޗަށް އަރާއިރު، މިހާރުވެސް އެ ރަށުގެ 10 އަށްވުރެ ގިނަ ފަރާތަކުން މަސް ކެއްކުމާއި، ހިއްކުމާއި އަދި މަހުގެ އެކި އުފެއްދުންތައް ތައްޔާރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެހެންކަމުން ބާނާ މަސް ގިނަ ދުވަހަށް ތާޒާކަންމަތީ ރައްކާކުރެވޭނެ އިންތިޒާމެއް ހަމަޖެހުމަކީ މިހާރު އެ ރަށަށް ނުހަނު ބޭނުންތެރިވެފައިވާ ކަމެއްކަމަށް ވުޒާރާއިން ފާހަގަކުރި އެވެ.









