މެލޭޝިއާގެ ދައުލަތުގެ އިންވެސްޓްމަންޓް ފަންޑު ކަމަށްވާ '1އެމްޑީބީ' އިން ބިލިއަނުން ޑޮލަރު ވަގަށް ނެގި ބޮޑު ޚިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި އުމުރުފުޅުން 73 އަހަރުގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގަށް ޝާހީ މާފެއް ލިބިވަޑައިގަތުމާ ގުޅިގެން، އޭނާ ޖަލުން ގޭބަންދަށް ބަދަލުކޮށްފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު މެލޭޝިއާގެ ރަސްގެފާނު ސުލްތާން އިބްރާހީމް އިސްކަންދަރު ނަޖީބަށް ދެއްވި ޝާހީ މާފުގެ ދަށުން ގޭބަންދަށް ބަދަލުވުމަށް އޮތް ޝަރުތަކީ ކޯޓުން ކަނޑައަޅާފައިވާ 50 މިލިއަން ރިންގިޓް (12.3 މިލިއަން ޑޮލަރު) ގެ ޖޫރިމަނާ ފައިސާ ދެއްކުމެވެ. ނަޖީބުގެ ސިޔާސީ ޕާޓީ ކަމަށްވާ އުމްނޯ އިން މިދިޔަ ހުކުރު ދުވަހު އެ ފައިސާ ދެއްކުމުން އޭނާ ޖަލުން ދޫކޮށްލި ނަމަވެސް، ގާނޫނީ ސުވާލުތަކެއް އުފައްދައި ބަންޑާރަ ނައިބުގެ އޮފީހުން އެކަން ހުއްޓުވުމުން ހަމަ އެ ދުވަހުގެ ރޭ އަނބުރާ ޖަލަށް ގެންދިޔައެވެ. އެކަމާ ގުޅިގެން ޝާހީ ގަނޑުވަރުން ވަނީ ރަސްގެފާނުގެ އަމުރަށް ގޮންޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އިންޒާރު ދީފައެވެ.
ކުއާލަލަމްޕޫރު ހައިކޯޓުން ގާނޫނީ ހުރިހާ ހުރަސްތަކެއް ނައްތާލުމާއެކު، ނަޖީބުގެ ގޭގައި އޭނާ ބަންދުކޮށްފައި ބެހެއްޓުމަށްޓަކައި މުޅި އެ ގެއަކީ ރަސްމީކޮށް ފެޑެރަލް ޖަލެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. 2022 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޖަލުގައި ހުންނެވި ނަޖީބު، 2028 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ހުންނަވާނީ ގޭބަންދުގައެވެ. ނަމަވެސް މި ގޭބަންދު ހިނގާނީ އޭނާގެ ފުރަތަމަ މައްސަލައިގައި އިއްވާފައިވާ 6 އަހަރުގެ ހުކުމަށް އެކަނި ކަމަށްވާތީ، 1އެމްޑީބީގެ ދެވަނަ މައްސަލައިގައި އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ނާކާމިޔާބުވެއްޖެނަމަ އޭނާ އަލުން ޖަލަށް ދާން ޖެހޭނެއެވެ.


