ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ރީތި އާދަކާދަ އަލުން ދިރުވައި އާލާކުރުމުގެ މަގްސަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" ރަސްމީކޮށް އިފްތިތާހު ކުރުމުގެ ހާއްސަ ރަސްމިއްޔާތު މިރޭ ބޭއްވުމަށް ނިންމައިފި އެވެ.
މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގެ މާފަންނު ޓްރެކް ދަނޑުގައި މިރޭ 8:00 ގައެވެ. ކުލަގަދަކޮށް ކުރިއަށްގެންދިއުމަށް ރާވާފައިވާ މި ރަސްމިއްޔާތުގައި، އެ މަޝްރޫއުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ރަސްމީ ލޯގޯއާއި ލަވަ އިފްތިތާހު ކުރުމުގެ އިތުރުން، ހާއްސަ ހަވާ އެރުވުމެއް ވެސް މިރޭ އޮންނާނެ އެވެ.
ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދައެއް ކަމަށްވާ އިހުތިރާމްކުރުން މުޖުތަމައުގައި އަށަގެންނެވުމަށްޓަކައި ގައުމީ ފެންވަރުގެ ކެމްޕެއިނެއް ފެށުމަށް ނިންމަވައި، އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ މިއަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހު އެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ، އިހުތިރާމް އަދާކުރުމުގެ މި ކެމްޕެއިން ވެގެންދާނީ ރާއްޖޭގެ ކުދިބޮޑު އެންމެންނާއި، ހުރިހާ ދާއިރާއެއްގެ ފަންނުވެރިންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ވަރަށް ތަފާތު ހަރަކާތަކަށެވެ. އަދި މި މަޝްރޫއު ފެށިގެންދާނީ ތަފާތު ގިންތިތަކުގެ ފަންނުވެރިން ހިމެނޭހެން މުޅި މުޖުތަމައުގެ ބައިވެރިވުމާއެކު ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރި އެވެ.
ދިވެހީންނަކީ ޒަމާނުއްސުރެ ލޯތްބާއި ކުލުނާއި ހިނިތުންވުމާއެކު އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރި ބައެއްކަން ފާހަގަކުރައްވައި، ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ ތަރައްގީގެ ކަންކަން ކުރިއަށްދާއިރު މީހުންގެ ވިސްނުމާއި، އުޅުމާއި ގުޅުންތައް ވެސް ތަރައްގީވާން ޖެހޭ ކަމަށެވެ.
މި މަޝްރޫޢު އިއުލާނު ކުރައްވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް އައި ސިޔާސީ އޮއިވަރުތަކުގެ ސަބަބުން، ދިވެހިންގެ މެދުގައި އޮތް އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ރިވެތި އާދަކާދަ ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށެވެ. އެހެންކަމުން އެކަން ބަދަލުކޮށް ކުރީގެ ހާލަތަށް ރުޖޫއުވުމަށްޓަކައި، ބިޔަ މަޝްރޫއެއްގެ ގޮތުގައި 2026 ވަނަ އަހަރުގެ ތެރޭގައި އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފައްޓަވަން ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި މުހިންމު ކަމުގައި ކަމާބެހޭ ހުރިހާ މުއައްސަސާތަކާއި، ރައްޔިތުންގެ އިތުރުން ސިޔާސީ ޕާޓީތަކުން ވެސް ބައިވެރިވެ، މާޒީގައި އޮތް އިހުތިރާމްކުރުމުގެ ރީތި އާދަ އަލުން އަށަގެންނެވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.
މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ކަމެއްގެ ހަގީގީ ނަތީޖާ ފެންނާނީ އެންމެހައި ރައްޔިތުންގެ އެއްބާރުލުމާއި ބައިވެރިވުން ލިބިގެންނެވެ. އަދި ހަގީގީ މާނައިގައި ދިވެހިރާއްޖެ ތަރައްގީވެގެންދާނީ އިޖުތިމާއީ ގޮތުންނާއި ފިކުރީ ގޮތުން އެފަދަ ވަށާޖެހޭ ތަރައްގީއެއް ހާސިލުކުރެވިގެން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.



