ދިވެހި މުޖުތަމައުގެ ތެރެއިން ފަނޑުވަމުންދާ އެކަކު އަނެކަކަށް ގަދަރާއި އިހުތިރާމްކުރުމުގެ މަތިވެރި ސިފަ އަލުން އަށަގެންނެވުމުގެ މަގުސަދުގައި، ސަރުކާރުން އިސްނަގައިގެން ފެށި "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.
މިކަމަށްޓަކައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހުކޮށްދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހާއްސަ މޮނިއުމެންޓެއްގައި ރަމްޒީ ލައިޓް ބޯޅައެއް ބަހައްޓަވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި، ކުންފުނިތަކުގެ ވެރިންގެ އިތުރުން ޖަމިއްޔާތަކާއި ސްކޫލް ކޮލެޖުތަކުގެ ދަރިވަރުން ހިމެނޭހެން ގިނަ އަދަދެއްގެ އާންމުން ބައިވެރިވިއެވެ.
މި ގައުމީ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގެ އެކި ފަންތީގެ މީހުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ހާއްސަކޮށް ޒުވާނުންނާއި ޅަދަރިވަރުންގެ މެދުގައި އިހުތިރާމްކުރުމުގެ ރީތި އާދަ އަށަގެންނެވުމެވެ. މިފަދަ ކެމްޕެއިނެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ދިވެހިންގެ އަމިއްލަވަންތަކަން ހިފެހެއްޓެވުމަށް އެމަނިކުފާނު ދެއްވާ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު ހަވާލުވުމާ ހަމައަށް ދިވެހިންގެ ތެރެއިން މިފަދަ ރީތި އާދަތައް ދިޔައީ ނެތެމުންނެވެ. ނަމަވެސް މި ސަރުކާރުން އިސްކަންދެނީ ދިވެހި ގައުމިއްޔަތާއި ބަސް ކުރިއެރުވުމަށާއި، ތާރީހާއި ސަގާފަތް ދިރުވައި އާލާކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫއު އަމަލީގޮތުން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެންނެވެ. މި ދެ މުއައްސަސާ ގުޅިގެން މުޅި މުޖުތަމައަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ފުޅާ ކެމްޕެއިންތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މި މަސައްކަތުގެ ތެރެއިން އެކަކު އަނެކަކަށް އަޅާލާ، އަމާން އަދި އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުމެވެ.




