ދިވެހިރާއްޖެއަށް ސަރުކާރުން ގެންނަވަމުންދަނީ ދެ ބާވަތެއްގެ ތަރައްގީ ކަމަށާއި، އެއީ ލޮލަށް ފެންނަ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހީންގެ ވިސްނުމާއި ފިކުރު އިސްލާމީ ހަމަތަކުގެ މަތީގައި ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ތަރައްގީގެ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2023 ނޮވެމްބަރު 17 ގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު ދެއްކެވި ވާހަކަފުޅާ އެއްގޮތަށް، އިންސާނީ ކަރާމާތް ނަގަހައްޓައި، ގައުމީ ތަރިކަ ރައްކާތެރިކޮށް، ދިވެހިވަންތަކަމަށް ފަހުރުވެރިވާ މުސްލިމު ދިވެހި އިންސާނާ ބިނާކުރުމަކީ ސަރުކާރުގެ މައިގަނޑު އަޒުމު ކަމަށެވެ.
އިހުތިރާމުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެއީ ދިވެހި އޮޑިދޯނިފަހަރުގެ ފަށަން އެހެން މަޑޫތަކާ ގުޅުވައިދޭ މައި ތަނބު ފަދައިން، މުޅި މުޖުތަމައު އެކަތިގަނޑަކަށް ހަދައިދޭ އަސާސީ ސިފައެއް ކަމުގައި ރައީސް ސިފަކުރެއްވިއެވެ. އަދި އިންސާނާއަކީ އެންމެ މާތް މަހުލޫގު ކަމުގައި ވީހިނދު، އެކަން ކޮންމެ މީހެއްގެ އަމަލުތަކުން ފެންނަންޖެހޭނެ ކަމަށާއި، އާއިލީ އަދި ރަހުމަތްތެރިކަމުގެ ގުޅުންތަކުގައާއި، ވަޒީފާއާއި މަސްއޫލިއްޔަތު އަދާކުރުމުގައިވެސް އެކަކު އަނެކަކަށް އިހުތިރާމުކުރުމުގެ ސިފަ ދެމެހެއްޓުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
އިސްލާމްދީނުގެ މަތިވެރި އިރުޝާދުތަކުގެ މައްޗަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، މާތް ﷲ ކީރިތި ރަސޫލާއަށް މުހާތަބުކުރައްވާފައިވަނީ ވެސް އިހުތިރާމާއި ގަދަރުގެ އެންމެ މާތް ގޮތްތަކުން ކަމަށެވެ. އަދި ކުޑަކުދިންނަށް އޯގާތެރިނުވާ މީހުންނާއި، ބޮޑެތި މީހުންނަށް އިހުތިރާމު ނުކުރާ މީހުންނަކީ މާތް ނަބިއްޔާގެ އުންމަތުގެ ތެރެއިންވާ ބައެއް ނޫންކަން ހަދީސްފުޅުތަކުން އެނގެން އޮތްއިރު، މުސްލިމުންގެ ލެޔާއި، މުދަލާއި، އަބުރަކީ ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށާއި، ދެބައޮޑުވުމާއި، މީހުންގެ ނުބައި ވާހަކަ ދެއްކުމާއި، ފުރައްސާރަކުރުން އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިރިއުޅޭ ވެށްޓަށާއި މަގުމައްޗަށާއި ގުދުރަތީ ދިރުންތަކަށް އިހުތިރާމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ޒަމާނީ ސައިކޮލޮޖީގެ ހޯދުންތަކުން ދައްކާގޮތުގައި ވެސް، އެކަކު އަނެކަކަށް އިހުތިރާމުކުރުމަކީ މުޖުތަމައުގައި ކުލުނާއި ގާތްކަން އިތުރުކޮށްދީ، ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކާބަފައިންގެ ޒަމާނުގައި އޮތް އެކުވެރި، އުފާވެރި މާހައުލު އަލުން އިއާދަކުރުމަށްޓަކައި، އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތަށް އަހުލާގު ބައްޓަންކޮށް، ދިވެހިރާއްޖެއަކީ ތަހުޒީބު މުޖުތަމައަކަށް ހެދުމަށް އެންމެހައި ރައްޔިތުން އަޒުމް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.




