ދިވެހިރާއްޖެއަކީ ބިންމަތީގައިވާ މާތް ﷲ ގެ ސުވަރުގެ ކަމަށް އަރަބިކަރައިގެ މަޝްހޫރު ތާރީހު އިލްމުވެރިޔާ އަލްމަސްއޫދީ ސިފަކުރައްވާފައިވަނީ، މި ގައުމުގެ ގުދުރަތީ ރީތިކަމުގެ އިތުރުން ދިވެހީންގެ ކިބައިގައި ހުރި މަތިވެރި އަހުލާގީ ސިފަތަކުގެ ސަބަބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. މީގެއިތުރުން، ދުނިޔެ ދުށް މަޝްހޫރު ދަތުރުވެރިޔާ އިބްނު ބަތޫތާގެ ދަތުރުނާމާތަކަށް ބައްލަވާލައްވަމުން އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދިވެހީންނަކީ އެކަކު އަނެކަކަށް ހިތްހެޔޮ، އިހުލާސްތެރި، އަދި ލިބޭ ކުޑަ ހެޔޮކަމަކަށް ޝުކުރުވެރިވުމުގެ ގޮތުން މޭމަތީގައި އަތްއަޅައިލައި "ދަރުމަހުރި" މިފަދައިން ބުނެ އަދަބުވެރިކަން އިސްކުރާ ބައެކެވެ.
ދިވެހީންގެ އިޖުތިމާއީ ދިރިއުޅުމުގައި ދާދި ފަހަކާ ޖެހެންދެންވެސް އަށަގެންފައި އޮތް ގަދަރުކުރުމާއި ކަމޭހިތުމުގެ ރިވެތި އާދަތަކަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށްރަށުގައި ހިދުމަތްކުރައްވާ އިސް ޝަހުސިއްޔަތުތަކަށް މުޖުތަމައުގެ އެންމެހައި މީހުންވެސް ޒަމާނުއްސުރެ ހާއްސަ އިހުތިރާމެއް އަދާކުރަމުން އައިސްފައިވާ ކަމަށެވެ. އެގޮތުން، ވެރީންނާއި ދަންނަބޭކަލުން ފެނުމުން އެއްފަރާތަކަށް ޖެހިލައި އިހުތިރާމު އަދާކުރުމާއި، ކިޔަވާ ކުދިން އެބޭކަލުންގެ ކުރިމަތިން ހުރަސްނުކުރުމާއި، އަދި މަސައްކަތްތެރީންނަށް ނިސްބަތްކޮށް "ކެޔޮޅުބޭބެ" ނުވަތަ "މާވަޑިބޭބެ" ފަދަ ލޯތްބާއި ގަދަރު އެކުލެވޭ ލަފްޒުތަކުން މުހާތަބުކުރުމަކީ، ދިވެހި މުޖުތަމައަކީ އިސްރަށްވެހީންނަށް ގަދަރުކުރާ ތަހުޒީބު މުޖުތަމައެއްކަން ދައްކުވައިދޭ ހެކިތަކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަގުތަށް ކަމޭހިތުމާއި އަވައްޓެރިކަމުގެ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ދިވެހީންނަކީ އަބަދުވެސް ރަސްމީ މަސައްކަތްތަކަށާއި އިޖުތިމާއީ ކަންކަމަށް ވަގުތުގުދާ ގަޑިއަށް ސަމާލުކަންދޭ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަވައްޓެރިޔާގެ ހާލުއަހުވާލު ބަލައި، އެކަކު އަނެކަކަށް އަޅާލައި ކެއިންބުއިމުގެ ކަންކަން ހިއްސާކުރުމުގައި ދިވެހީން ދައްކާފައިވަނީ ނަމޫނާ މިސާލެއް ކަމަށާއި، މިފަދަ މަތިވެރި އިސްލާމީ ރިވެތި އަހުލާގުގެ ސަބަބުން ދިވެހީންނަށް މާތް ﷲ ދެއްވާ ބަރަކާތާއި ނަސްރާމެދު ދުޝްމަނުންވެސް ޖެހިލުންވިކަމަށް އިބްނު ބަތޫތާ ބަޔާންކުރައްވާފައިވާކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
މި އެންމެހައި އަހުލާގީ ސިފަތަކުގެ އަސްލަކީ މާތްވެގެންވާ އިސްލާމްދީންކަން ފާހަގަކުރައްވައި، ކީރިތި ރަސޫލާގެ މުޅި ހަޔާތްޕުޅަކީ ބިންމަތީގައި ހިނގަމުންދިޔަ ގުރުއާނެއް ފަދަ ކަމެއްކަން އުއްމުލް މުއުމިނީން އާއިޝަތުގެފާނުގެ ބަސްފުޅުން ސާބިތުވާކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި ކުޑަކުދީންނަށް އޯގާތެރިނުވާ، އަދި ބޮޑެތި މީހުންނަށް އިހުތިރާމު ނުކުރާ މީހަކީ އެކަލޭގެފާނުގެ އުންމަތުގެ ތެރެއިންވާ މީހެއް ނޫންކަމަށް އޮންނަ ހަދީސްފުޅު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކޮންމެ މުސްލިމެއްގެ ލެޔާއި، މުދަލާއި، އަބުރަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްކަން ހަނދާންކޮށްދެއްވަމުން، ޣީބަބުނުމާއި، މަލާމާތްކުރުމާއި، ހުތުރު ވަނަންތަކުން ގޮވުންފަދަ ނުރަނގަޅު އާދަތަކުން ދުރުހެލިވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި ޒަމާނީ ނަފުސާނީ އިލްމުގެ ހޯދުންތަކަށް ބައްލަވައި ވިދާޅުވީ، މުޖުތަމައެއްގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމަކީ ގުޅުންތައް ބަދަހިވެ، ހިތްހަމަޖެހުމާއި އަމާންކަން ގާއިމުވެގެންދާނެ ކަމެއް ކަމަށެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންސާނުންގެ އިތުރުން ތިމާވެށްޓަށާއި އާންމު މަގުތަކަށާއި ގުދުރަތީ ދިރުންތަކަށްވެސް ފުރިހަމައަށް އިހުތިރާމްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކާބަފައިންގެ ފަހުރުވެރި މާޒީން އިބުރަތް ހާސިލުކޮށް، އިސްލާމީ މަތިވެރި އުސޫލުތަކާ އެއްގޮތަށް އަޅުގަނޑުމެންގެ އަމަލުތަކާއި ގުޅުންތައް އިސްލާހުކޮށް، ދިވެހިރާއްޖެއަކީ ތަހުޒީބީ، އަމާން ގައުމެއްގެ ގޮތުގައި ބިނާކުރުމަށް އެންމެހައި ރައްޔިތުން އަޒުމް ކަނޑައެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.




