ދިވެހިރާއްޖޭގައި 1980ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ޢަމަލުކުރަމުން އައި ބޭރުފައިސާއާ ބެހޭ ގަވާއިދުތަކަށް ބޮޑު ބަދަލެއް ގެނެސް، ޒަމާނީ އައު ގާނޫނެއް ވަނީ މި އޮގަސްޓުގައި ތައާރަފްކޮށްފައެވެ. މީގެ ކުރިން އޮތް ބުރަހެލި ނިޒާމު ބަދަލުކޮށް، މި އައު ގާނޫނު ތަންފީޒުކުރަން ފެށުމަކީ ރާއްޖޭގެ އިގްތިސާދީ ނިޒާމަށް ގެނެވުނު ވަރަށް މުހިންމު ހެޔޮ ބަދަލެކެވެ.
މި ގާނޫނުގެ އެންމެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ބޭރުފައިސާ ދައުރުވާ މިންވަރު އިތުރުކުރުމެވެ. ހާއްސަކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ ފަތުރުވެރިކަމުގެ ސިނާއަތުގެ ބޮޑުބައެއް މާލީ ނިޒާމުން ބޭރުގައި ދައުރުވަމުންދިޔަ މައްސަލައަށް ހައްލެއް ހޯދައި، ފުރަތަމަ ފަހަރަށް ބޭންކިން ނިޒާމު މެދުވެރިކޮށް ބޭރުފައިސާ މާރުކުރުން ވަނީ މަޖުބޫރުކޮށްފައެވެ.
އައު ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހާއެކު، ރިސޯޓުތަކުން ލިބޭ ބޭރުފައިސާގެ 40 އިންސައްތަ ބޭންކިން ނިޒާމު މެދުވެރިކޮށް މާރުކުރަންޖެހެއެވެ. އަދި ކުރިން ކޮންމެ ތިން މަހުން އެއްމަހު މާރުކުރަން އޮތް އޮތުން ބަދަލުކޮށް، މިހާރު ކޮންމެ މަހަކުވެސް އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހެއެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 40 އިންސައްތަ އަންނަ އޮކްޓޯބަރު މަހުގެ 28 ގެ ކުރިން މާރުކުރަންޖެހޭ އިރު، ކުރިއަށް އޮތް ތަނުގައިވެސް ކޮންމެ މަހެއްގެ 28 ގެ ކުރިން އޭގެ ކުރީ މަހުގެ އާމްދަނީ މާރުކުރަންޖެހޭނެއެވެ.
މި އިސްލާހުގެ ދަށުން ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން އެ ފައިސާ އެމްއެމްއޭއިން ލައިސަންސް ދީފައިވާ ބޭންކު އެކައުންޓަކަށް ޖަމާކުރަންޖެހެއެވެ. އަދި އެ އެކައުންޓްތަކުގެ މައުލޫމާތު އެމްއެމްއޭއަށް ހިއްސާކުރަންޖެހޭއިރު، ވިޔަފާރިތަކުގެ މާލީ އިލްތިޒާމްތަކަށް ރިއާޔަތްކޮށް ބޭރުފައިސާއިން ހަރަދުކުރުމަށް އެމްއެމްއޭ މެދުވެރިކޮށް ލުއިތަކަށް އެދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.









