ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރީކޯ މޫސާ މަނިކުގެ ގކުންފުންޏެއް ކަމަށްވާ ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ރަހުނުކޮށްފައިވާ، ލ. އަތޮޅުގެ ދެ ރަށެއްގައި ހިންގާ ރިސޯޓެއް ވިއްކާލަން ނިންމައިފިއެވެ. މި ނިންމުން އައިސްފައިވަނީ ބޭންކުން ދޫކޮށްފައިވާ ލޯނެއްގެ ދަށުން ކުންފުނިން ފައިސާ ދެއްކުމުގައި ޖެހިފައިވާ ޑިފޯލްޓަކާ ގުޅިގެންނެވެ.
މިއަދު ބޭންކުން އާންމުކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، ލ. ފަރެސް އަދި ކުޑަފަރެސް ދެ ރަށުގައި ހިންގަމުން އަންނަ ޓޫރިސްޓް ރިސޯޓު ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވާއިރު، އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 45.63 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 703.7 މިލިއަން ރުފިޔާއެވެ.
ބީއެމްއެލް އިން ބުނިގޮތުގައި ހެވީ ލޯޑް މޯލްޑިވްސްއިން ބޭންކިން ފެސިލިޓީއެއް ހޯދާފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންނަމަވެސް، އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ކުންފުނިން ޑިފޯލްޓްވުމާ ގުޅިގެން، ލޯނުގެ ފައިސާ ހޯދުމަށްޓަކައި ބީއެމްއެލް އިން ޝަރުއީ މަގުން ކުރިއަށް ދިޔައެވެ.
މި މައްސަލައިގައި 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ ރަހުނުކޮށްފައިވާ މުދާ ވިއްކައިގެން ފައިސާ ހޯދުމުގެ ހުއްދަ ބީއެމްއެލް އަށް ދީފައެވެ.
މި ރިސޯޓަކީ ދެ ރަށުގައި ޖުމްލަ 100 ކޮޓަރީގެ ޓޫރިސްޓް ރިސޯޓެކެވެ. މި ރަށްތަކުގެ ހެޑްލީސްގެ މުއްދަތު ހަމަވާނީ 2064 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހަށެވެ.
މި ރިސޯޓު ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ޑިސެމްބަރު 2 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ. އެ މުދާ ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނީ ނުދައްކާ ހުރި ލޯނުގެ ފައިސާ އަނބުރާ ހޯދުމަށެވެ.




