ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، މާލެ ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ 4،000 ހައުސިންގ ޔުނިޓުގެ ތެރެއިން މިވަގުތު 3،260 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ހުޅުމާލެ ފޭސް 1 ގައި އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ތަރައްގީކުރަމުންދާ 364 ހައުސިންގ ޔުނިޓުގެ މަސައްކަތްތައް ވެސް މިހާރު ވަނީ ބާރަށް ފެށިފައެވެ. އެގޮތުން، މި ޕްރޮޖެކްޓުގެ 182 ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް، ކޮންކްރީޓް އެޅުމުގެ މުހިންމު މަސައްކަތްތައް މިހާރު ދަނީ ހިނގަމުންނެވެ.
މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ އަދި ލުއިފަސޭހަ ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢަކީ ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ހާއްސަ ޕްރޮގްރާމެކެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރަމުންދާ ހުރިހާ ހައުސިންގ ޔުނިޓްތަކެއްގެ މަސައްކަތް މުޅިން ނިންމައި، 2028 ވަނަ އަހަރުގެ މެދުތެރޭގައި ޢާންމުންނަށް ހަވާލުކުރެވޭނެ ކަމަށް ބީއެމްއެލް އިން ލަފާކުރެއެވެ.
މީގެ އިތުރުން ވެސް މާލެ ސަރަހައްދުގައި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން އިތުރު ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއަކީ ރަސްމާލޭގެ ބައެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 3 ގައި އެޅުމަށް ނިންމާފައިވާ 5،000 ހައުސިންގ ޔުނިޓުގެ މަޝްރޫއެވެ.
މި ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނައިރު، މިހާތަނަށް ވަނީ އެ ކުންފުންޏާއެކު ވެވޭ ކޮމާޝަލް އެގްރީމަންޓުގައި ސޮއިކޮށްފައެވެ. މި މަޝްރޫއުތައް ނިމުމުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.




