ފޯބްސް އިން އަލަށް އެކުލަވާލި "ވާލްޑްސް ޓޮޕް ޕާފޯމިންގ ބޭންކްސް 2026" ރޭންކިންގގައި ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާ، ބޭންކް އޮފް މާލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ.
މުޅި ދުނިޔޭގެ 89 ގައުމަކުން ހޮވާލެވުނު 500 ބޭންކުގެ ތެރޭގައި ބީއެމްއެލް ހިމެނިފައިވަނީ، 3 ބިލިއަން އާއި 10 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ މާލީ ވަސީލަތްތައް (އެސެޓްސް) ހުރި ބޭންކުތައް ހިމެނޭ "ޓިއާ 6" ގައެވެ.
ފޯބްސް އިން މާކެޓް ރިސާޗް ފާމް "ސްޓެޓިސްޓާ" އާ ގުޅިގެން ތައްޔާރުކުރި މި ރޭންކިންގއަކީ ބޭންކުތަކުގެ މާލީ ކުރިއެރުމާއި ހިންގުމުގެ ވަރުގަދަކަމުގެ މައްޗަށް ބަލައި ތައްޔާރުކޮށްފައިވާ ލިސްޓެކެވެ. މި ރޭންކިންގގައި ބޭންކުތައް ވަޒަންކޮށްފައިވަނީ ހަތަރު މައިގަނޑު ދާއިރާއަކަށް ބަލައިގެންނެވެ. އޭގެ ތެރޭގައި ފައިދާއާއި، ކުރިއެރުމާއި އާމްދަނީގެ ފެންވަރާއި، ރައުސްމާލާއި ފަންޑިންގގެ ވަރުގަދަކަމުގެ އިތުރުން އެސެޓްގެ ފެންވަރާއި ހިންގުމުގެ ގާބިލުކަން ހިމެނެއެވެ.
އާންމުންގެ ހިޔާލު ހޯދުމުގެ ސާވޭތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ރޭންކިންގތަކާ ހިލާފަށް، މި ލިސްޓު ތައްޔާރުކޮށްފައިވަނީ އިތުބާރުހުރި މާލީ ތަފާސްހިސާބުތަކާއި، ރިސާޗްތައް އަދި ބޭންކުތަކުން ހުށަހަޅާފައިވާ ރަސްމީ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ.
މި ކާމިޔާބީއާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މި ބައިނަލްއަގުވާމީ ބަލައިގަތުމަކީ ބޭންކުގެ މާލީ ކުރިއެރުމާއި، ރިސްކް މެނޭޖްމަންޓް އަދި ރައުސްމާލުގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޓެކްނޮލޮޖީއާއި މުވައްޒަފުންނަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް، ދިވެހި ވިޔަފާރިތަކަށާއި އާންމު މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.




