ރަޝިޔާއަށް ފައިސާ ފޮނުވުމަށާއި އެ ގައުމުން ފައިސާ ބަލައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި، އެފަދަ މުއާމަލާތްތައް ހުއްޓާލާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
މީސްމީޑިއާ މަންސަ "އެކްސް" ގައި ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސަޢީދު ހިއްސާކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ރަޝިޔާއިން ފޮނުވާ ނުވަތަ އެ ގައުމާ ގުޅުންހުރި މާލީ މުއާމަލާތްތައް ހުއްޓުވުމަށް އެ ބޭންކުން ވަކި ހާއްސަ ސިޔާސަތެއް ކަނޑައަޅާފައި ނުވާނެ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މީޑިއާއަކަށް ބޭންކުގެ ފަރާތުން އެއްވެސް ބަޔާނެއް ނުވަތަ މައުލޫމާތެއް ދީފައި ނުވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލްއިން އިތުރަށް ބަޔާންކުރި ގޮތުގައި، އެހެން ބޭންކުތަކެކޭ އެއްފަދައިން ބޭރު ފައިސާގެ މުއާމަލާތްތައް، ހާއްސަކޮށް އެމެރިކާ ޑޮލަރުގެ މުއާމަލާތްތައް ނިންމުމުގައި އެ ބޭންކުން ބަރޯސާވަނީ ބައިނަލްއަގްވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށެވެ. އަދި އެ ބޭންކުތަކުން އަމަލުކުރަނީ އެ ފަރާތްތަކުގެ އަމިއްލަ ކޮމްޕްލަޔަންސް ސިޔާސަތުތަކާއި ފިޔަވަޅުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މީގެ ތެރޭގައި މުއާމަލާތްތަކުގައި ޝާމިލުވާ ފަރާތްތަކާއި، އޭގެ ހަގީގީ މަންފާ ލިބޭ ފަރާތްތައް ސްކްރީންކުރުން ހިމެނެއެވެ.
އެހެންކަމުން، ބައިނަލްއަގްވާމީ ބޭންކުތަކުގެ ސިޔާސަތުތަކުގެ ދަށުން ބައެއް މުއާމަލާތްތައް ބަލައިނުގަތުމަކީ ނުވަތަ އަނބުރާ ފޮނުވާލުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެފަދަ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިހްތިޔާރު އޮންނަނީ އެ ބޭންކުތަކަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި އެ ނިންމުންތަކަށް ބީއެމްއެލްއިން ވެސް ތަބާވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ބީއެމްއެލްގެ ސްޕޯކްސްޕާސަންގެ ވާހަކަ ނިންމަވާލައްވަމުން ފާހަގަކުރެއްވި ގޮތުގައި، މިފަދަ ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި މުޅި އިގްތިސާދަށް އޭގެ ނޭދެވޭ ނުބައި އަސަރުތަކެއް ކޮށްފާނެއެވެ.




