ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ވަނަ އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މިގޮތަށް ސަރުކާރުން ނިންމެވީ، ކިއުގައި ދޮށީ އުމުރުގެ ގިނަ ބަޔަކު ތިބުމާއެކު، އިންތިޒާރުގައި ދިގު މުއްދަތެއް ހޭދަވާތީ ދޮށީ އުމުރުގެ މީހުންނަށް ފަރުޟު ހައްޖު އަދާކުރުމުގެ ފުރުސަތު އަވަސްކޮށްދިނުމުގެ މަގުސަދުގައެވެ.
އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއާއި ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މި އުސޫލުގެ ދަށުން ބަލާނީ 31 ޑިސެންބަރު 2023 ގެ ނިޔަލަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށެވެ. އަދި 70 އަހަރުން މަތީގެ އުމުރުފުރާ ކަމަށް ބަލާނީ 31 ޑިސެންބަރު 2026 އަށް 70 އަހަރު ފުރޭ މީހުންނެވެ.
މި ބަދަލާއެކު، 70 އަހަރުން މަތީގެ 324 މީހުންނަށް 1448 ވަނަ އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުން ހިމެނޭއިރު، މި ފުރުސަތު ދެވޭނީ މީގެ ކުރިން ހައްޖުވެފައިނުވާ މީހުންނަށް އެކަންޏެވެ.
މި އުސޫލު ތަންފީޒުކުރި ކަމުގައިވިޔަސް، 1448 ވަނަ އަހަރު ހައްޖަށް ދެވޭނެކަމަށް ކުރިން އަންދާޒާކޮށްފައިވާ 65 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް ދިއުމުގައި އެއްވެސް ލަސްވުމެއް ނާންނާނެއެވެ. އަދި އެފަރާތްތަކާއެކު ދިއުމަށް ފައިސާ ދައްކާފައިވާ އާއިލީ މެންބަރަކަށްވެސް އެކުގައި ދިއުމުގެ ފުރުސަތު ލިބޭނެއެވެ. ނަމަވެސް، 65 އަހަރުން ދަށުގެ ބައެއް މީހުންނަށް އަހަރެއްހާ ދުވަހުގެ ލަސްވުމެއް މެދުވެރިވި ނަމަވެސް، މިއީ ކުރިއަށް އޮތް ތަނުގައި ކިއުއަށް އަވަސް ބަދަލުތަކެއް އައިސް ހުރިހާ އުމުރުފުރާތަކަށްވެސް ފުރުސަތު އަވަސްވެގެންދާނެ ކަމެކެވެ.




