މި އަހަރުގެ މަތިވެރި ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު، ހައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށާތީ، އެއަރޕޯޓުގެ ހިދުމަތްތައް ބޭނުންކުރައްވާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދެއްވުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެއެވެ.
އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 25، 27، 28 އަދި 29 ވަނަ ދުވަހުއެވެ. މި ދުވަސްތަކުގައި ޙައްޖުވެރިންނާ ބައްދަލުކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އެއަރޕޯޓަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވޭތީ، އެއަރޕޯޓުގެ އާންމު އޮޕަރޭޝަންތަކަށް ބާރުބޮޑުވާނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
ޙައްޖާޖީން ބަލައި އަންނަ ފަރާތްތަކުގެ އިތުރުން، ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ދަތުރުވެރިންވެސް މި ދުވަސްވަރު އެއަރޕޯޓް ބޭނުންކުރާނެތީ، ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށްޓަކައި އެމްއޭސީއެލްއިން ވަނީ ބައެއް ފިޔަވަޅުތައް އަޅާފައެވެ.
އެގޮތުން، އެއަރޕޯޓުގެ ޓްރެފިކް އަދި ޕާކިންއަށް ބާރުބޮޑުވާނެތީ، އެ ދުވަސްތަކުގައި އެއަރޕޯޓަށް ވަޑައިގަންނަވާ ފަރާތްތަކުން އަމިއްލަ އުޅަނދުތަކުގެ ބަދަލުގައި ފެރީ ނުވަތަ އެއަރޕޯޓް ބަހުގެ ހިދުމަތް ބޭނުންކުރެއްވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.









