މިއަހަރުގެ މަތިވެރި ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖޭން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ތާރީހުތަކާއި ފްލައިޓްތަކުގެ ތަފްސީލް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިއަދު އާންމުކޮށްފި އެވެ.
ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަހަރުގެ ހައްޖުވެރިން ސައުދީއަށް ދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ދުވަހަކަށް ބަހާލައިގެން ހަތަރު ފްލައިޓެއްގަ އެވެ. މި ދަތުރުތަކަށް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ސައުދީ އެއާލައިންސް އާއި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އެވެ.
ހައްޖުވެރިން ފުރާ ތާރީޚާއި ފްލައިޓްތަކުގެ ތަފްސީލް:
- 15 މޭ 2026: ސައުދީ އެއާލައިންސް (ފުރާ ގަޑި: 15:25)
- 17 މޭ 2026: މޯލްޑިވިއަން (ފުރާ ގަޑި: 07:10)
- 18 މޭ 2026: ސައުދީ އެއާލައިންސް (ފުރާ ގަޑި: 15:25)
- 19 މޭ 2026: މޯލްޑިވިއަން (ފުރާ ގަޑި: 09:45)
ދިވެހި ހައްޖުވެރިންނަށް ބޭނުންވާ އިންތިޒާމުތަކާ ގުޅޭގޮތުން، ސައުދީ އަރަބިއްޔާގައި ހައްޖުވެރިންނަށް ހިދުމަތް ފޯރުކޮށްދޭ މުތައްވިފް ގްރޫޕް، "ރަވާފް މިނާ" އިން ބުނެފައިވަނީ ދިވެހި ހައްޖުވެރިންނަށް އެންމެ ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސައިދޭނެ ކަމަށެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ހައްޖުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރާއި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. އެގޮތުން މިނާގައި ހައްޖުވެރިން ތިބުމަށް ގާއިމުކުރާ ޓެންޓުތަކުގެ އިންތިޒާމުތައް އިތުރަށް ފުރިހަމަކޮށް، ހައްޖުވެރިންނަށް ލުއިފަސޭހަވާނެ ގޮތަށް މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ދިވެހި ހައްޖުވެރިންނަށް އެންމެ މަތީ ދަރަޖައިގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހައްޖުވެރިންގެ ދަތުރުފަތުރާއި، ސައުދީގައި ތިބޭނެ ތަންތަނުގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް ސަރުކާރުން ހާމަކުރެ އެވެ.









