މިއަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަން އަދާކުރުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ސައުދީ އަރަބިއްޔާއަށް ގޮސްތިބި ހުރިހާ ހައްޖުވެރިން، ހައްޖުގެ އެންމެ މުހިންމު ފަރުޟު އަދާކުރުމަށްޓަކައި އަރަފާތަށް ދިއުމުގެ ދަތުރު މިރޭ ފަށާނެ އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހައްޖުވެރިން އަރަފާތަށް ދިއުމަށް ފުރަން ފަށާނީ ރާއްޖެ ގަޑިން މިރޭ 23:00 (ސައުދީ ގަޑިން މިރޭ 21:00) ގަ އެވެ. އެ ކޯޕަރޭޝަނުން އުއްމީދު ކުރަނީ މާތް الله ގެ އިރާދަފުޅާއެކު، މިރޭ ފަތިސްވުމުގެ ކުރިން ހުރިހާ ހައްޖުވެރިންނަށް އަރަފާތުގެ ބިމަށް ވަދެވޭނެ ކަމަށެވެ. މާދަމާއަކީ މިއަހަރުގެ ބަރަކާތްތެރި ހައްޖު ދުވަހެވެ.

ދިވެހި ހައްޖުވެރިންނަށް މިއަހަރުވެސް އިންތިޒާމުތައް ހަމަޖެހިފައިވަނީ ވަރަށް ފުރިހަމަކޮށެވެ. ވަކިން ހާއްސަކޮށް، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާއި ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދާ "މައްކާ ރޫޓް އިނީޝިއޭޓިވް" ގެ ސަބަބުން ދިވެހި ހައްޖުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ވަނީ ލިބިފަ އެވެ. މިއީ ހައްޖުވެރިންނަށް ދަތުރުފަތުރުގެ ކަންކަމާއި އިމިގްރޭޝަންގެ ކަންކަން އަވަސްކޮށްދިނުމަށް ސައުދީ ސަރުކާރުން ދެއްވާ ހާއްސަ ސަމާލުކަމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މުގައްދަސް ދަތުރުގައި ބައިވެރިވާ އެންމެހާ މުސްލިމް އަހުންނާއި އުހުތުންނަށް الله سبحانه وتعالى ގެ ތަނަވަސް ރަހުމަތުން މަބްރޫރު ހައްޖެއް މިންވަރުކުރެއްވުމަކީ އެންމެހާ ދިވެހި ރައްޔިތުންގެ ދުއާ އެވެ.