ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް، ދިރިއުޅުމުގެ އެންމެހައި ކަންކަމުގައި ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެއްކަމުގައި މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ 59.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތަފްސީލުތައް ހިއްސާކުރައްވަމުންނެވެ. މި ބައްދަލުވުމުގައި މިނިސްޓަރ އިޖުތިމާއީ ރައްކާތެރިކަމާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަރަށް ހާއްސަ އިސްކަމެއް ދެއްވާފައިވާކަން ހާމަކުރެއްވިއެވެ.
އިޖުތިމާއީ ތަރައްގީއާއި ދީނީ ރިވެތި އަހްލާގީ ނިޒާމެއް ދެމެހެއްޓުމަކީ މި ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭ ދާއިރާކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ނާޒުކު އާބާދީތައް ބާރުވެރިކުރުވުމަށްޓަކައި ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ ގައުމީ މަޝްރޫއެއް ފެށުން ބަޖެޓުގައި ހިމަނާފައިވުމަކީ، އެންމެން ގުޅިގެން މަސައްކަތްކުރާ މުޖުތަމައެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި މިނސްޓަރ ވިދާޅުވިއެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ދިވެހި މުޖުތަމައުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި، އެންމެ ބޭނުންވާ ހިދުމަތްތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަގުތަކާއި، ސްކޫލުތަކާއި، ހެލްތު ސެންޓަރުތަކުން ހިދުމަތް ހޯދުމުގައި، އިންކްލޫސިވް އަދި އެކްސެސިބަލްކުރުމަށް އިސްކަމެއް ބަޖެޓުގައި ދީފައިވެއެވެ. މީގެއިތުރުން، ދިވެހިންގެ މެދުގައި ދުޅަހެޔޮ ބަދަހި މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަމުގެ ދަށުން، އާއިލާތަކާއި ރައްޓެހިންނަށް އެކުގައި ވަގުތު ހޭދަކޮށް، ހިތްހަމަޖައްސާލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީކުރުމަށްވެސް ބަޖެޓުގައިހިމަނާފަވެއެވެ.
ގައުމިއްޔަތު ދިރުވާ އާލާކޮށް މުޖުތަމައުގެ ބަދަހިކަން އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން، ދިވެހިންގެ ތެރޭގައި އިހްތިރާމް އަދާކުރުމުގެ ރިވެތި އާދަ އަށަގެންނެވުމަށްޓަކައި "އިޙްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަކަށް ހާއްސަ މަޝްރޫއެއްގެ މަސައްކަތް ސަރުކާރުން އަމަލީގޮތުން ފަށައިފިއެވެ.
ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް، އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި މަޝްރޫއުތަކުގެ ސަބަބުން، މުޖުތަމައުގެ އެކި ގިންތިތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ނާޒުކު އާބާދީތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.







