ސަރުކާރުގެ ހަރުދަނާ އިގްތިސާދީ ސިޔާސަތުތަކާއެކު، 08 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 3.0 އިންސައްތައިގެ ކުރިއެރުމަކާއެކު 31.566 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އިން އާންމުކުރި ރިޕޯޓްގައިވާ ގޮތުން، މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ އިމްޕޯޓް ޑިއުޓީގެ އާމްދަނީ 18.3 އިންސައްތަ އިތުރުވެ 2.757 ބިލިއަން ރުފިޔާ އަދި ޖީ.ޖީ.އެސް.ޓީ އާމްދަނީ 4.375 ބިލިއަން ރުފިޔާއަށް އުފުލުމެވެ. މީގެ އިތުރުން، ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 5.798 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްއިން 1.542 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.565 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ބޭރުގެ ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރުވެސް ވަނީ 77.0 އިންސައްތައިގެ ބޮޑު އިތުރުވުމަކާއެކު 0.515 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އާމްދަނީ އިތުރުވުމާއެކު، ސަރުކާރުން ވަނީ ރައްޔިތުންގެ ލާބައަށާއި ގައުމީ ތަރައްގީއަށް ބޮޑެތި ހޭދަތަކެއް ކޮށްފައެވެ. އެގޮތުން، އެހީ އާއި ސަބްސިޑީއަށް 10.366 ބިލިއަން ރުފިޔާ (ސީދާ ސަބްސިޑީއަށް 4.265 ބިލިއަން އަދި އާސަންދައަށް 1.910 ބިލިއަން) ހޭދަކޮށްފައިވެއެވެ. އަދި ޕީއެސްއައިޕީ ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހޭދަ 16.0 އިންސައްތަ އިތުރުވެ 4.312 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުވައްޒަފުންގެ މުސާރައާއި އުޖޫރައަށް 5.556 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
މީގެ އިތުރުން، ސަރުކާރުގެ ކާމިޔާބު މާލީ ސިޔާސަތުގެ ދަށުން ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ހަރަދު ވަނީ 5.2 އިންސައްތަ ދަށްކުރެވި، 3.801 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ.






