ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީއެއް ކަމަށްވާ މޫޑީސް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ސޮވަރިން ކްރެޑިޓް ރޭޓިންގ 'ސީއޭއޭ2' އިން 'ސީއޭއޭ1' އަށް މަތިކޮށް، އައުޓްލުކް 'ސްޓޭބަލް' ނުވަތަ ހަމަޖެހިފައިވާ ހާލަތަކަށް ބަދަލުކޮށްފިއެވެ. މިކަން ހާމަކޮށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ވަނީ ދާދި ދެންމެއަކު ނޫސްބަޔާނެއް ނެރެފައެވެ.
ފައިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި މޫޑީސް އިން މި ނިންމުން ނިންމާފައިވަނީ ރާއްޖެއިން ދަރަނި އަދާނުކުރެވިދާނެ ކަމަށް ލަފާކުރި ކުރުން ބޮޑުތަނުން ކުޑަވެ، ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވެ، އަދި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފައިސާ ހޯދުމުގެ ފުރުސަތުތައް ފަހިވެފައިވާތީއެވެ. މީގެއިތުރުން ސަރުކާރުން ބޮޑެތި ދަރަނިތައް ކާމިޔާބުކަމާއެކު ދައްކަމުން ދިޔުމަކީވެސް މި ބަދަލު ގެނައުމަށް މޫޑީސް އިން ރިޢާޔަތްކުރި މުހިންމު ސަބަބެކެވެ.
އެގޮތުން، 2026 ވަނަ އަހަރުގެ އެޕްރީލް މަހު ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކާއި، ރިޒަރވް ބޭންކް އޮފް އިންޑިއާއިން ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީ ކާމިޔާބުކަމާއެކު ދައްކާ ޚަލާޞްކޮށްފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ. މީގެއިތުރުން 2026 ވަނަ އަހަރުގެ މެއި އަދި ސެޕްޓެމްބަރު މަހު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ސެކިއުރިޓީޒްގެ ގޮތުގައި އިންވެސްޓްކުރި 100 މިލިއަން ޑޮލަރާއި، 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑް ދެއްކުމުގެ މުއްދަތު 2031 އާ ހަމައަށް އިތުރުކުރެވުނުކަންވެސް މޫޑީސް އިން ވަނީ ބަލައިގެންފައެވެ.
ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން މާލީ އަދި ފައިސާއާ ބެހޭ ސިޔާސަތުތައް ހަރުދަނާކަމާއެކު ތަންފީޒުކުރަމުންދާ ކަމަށްވެސް މޫޑީސް އިން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ މާރުކުރުން ލާޒިމުކޮށް 2024 ގައި ތައާރަފުކޮށް އަދި 2026 ގައި ފުޅާކުރި ފިޔަވަޅުތަކުގެ ސަބަބުން، ގައުމުގެ ރަސްމީ ރިޒާވް އަދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ވަރުގަދަވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ހަމައެއާއެކު، ވޯލްޑް ބޭންކުން ލިބުނު 40 މިލިއަން ޑޮލަރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ލިބުނު 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑުން ލިބުނު 40 މިލިއަން ޑޮލަރުގެ އެހީގެ ސަބަބުން، ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންގޮސްފައިވާ ކަމަށް ފައިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއެކު، ލުއި ގޮތްތަކެއްގެ މަތިން އިތުރު ފައިނޭންސިންގ ހޯދުމަށް ތަރައްގީގެ ބައިވެރިންނާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު، 2025 ވަނަ އަހަރުގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން 129.2 އިންސައްތައިގައި ހުރި ރާއްޖޭގެ ދަރަނި، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވަނީ 122.6 އިންސައްތައަށް ދަށްކުރެވިފައެވެ.
ނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގު އުފުލި، އިގްތިސާދީ ގޮންޖެހުންތައް އަދިވެސް އެބަހުރި ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. އެހެންކަމުން ނާޒުކު ހާލަތްތަކުގައިވާ ފަރާތްތައް ރައްކާތެރިކުރުމަށާއި، ހަރަދުތައް ކުޑަކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ވަނީ ބުނެފައެވެ.
ރޭޓިންގ މަތިވި ނަމަވެސް، 'ސީއޭއޭ1' ރޭޓިންގ އަކީ އަދިވެސް ނުރައްކާ އޮތް ކެޓަގަރީއެއް ކަމުން، މާލީ ގޮތުން ސަމާލުވާންޖެހޭ ކަންކަން އަދިވެސް ހުރިކަން މި ނިންމުމުން ދައްކުވައިދެއެވެ. ނަމަވެސް، މިއީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހަމަޖެހުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.




