މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދެ ބިލިޔަން ރުފިޔާ ދޫކުރިއެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ކައުންސިލުތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓުކޮށްފައިވާ އަހަރެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި ކައުންސިލުތަކުގެ ގްރާންޓުގެ ގޮތުގައި 2.4 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، އަންނަ އަހަރުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ ދޫކުރުމަށް ނިންމިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް 2 ބިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކުރި 1.7 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %17 އިތުރު އަދަދެކެވެ. މީގެ ކުރީ އަހަރުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ ބަޖެޓުކޮށް އިތުރަށް 8 މިލިޔަން ރުފިޔާ ހޭދަކުރިއިރު، އޭގެ ކުރީ އަހަރު 2.2 ބިލިޔަން ރުފިޔާ ދޫކުރިއެވެ.
ކައުންސިލުތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ލިބެނީ ސިޓީ ކައުންސިލުތަކަށެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ މާލޭ ސިޓީ ކައުންސިލަށެވެ. 2020 ވަނަ އަހަރުން ފެށިގެން ކައުންސިލުތަކަށް ފައިސާ ދޫކުރަމުންދަނީ ދައުލަތުގެ އާމްދަނީއަށް ބިނާކޮށް ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުންނެވެ. މިއީ ކައުންސިލުތަކުގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ސަރުކާރުން މިހާތަނަށް ކޮށްފައިވާ ކަންކަމަށް ބަލާއިރު، އަތޮޅު ކައުންސިލުތައް އުވާލައި، ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ އަދަދު އަހަރަކަށްވުރެ އަހަރެއް ވަނީ އިތުރުކޮށްފައެވެ. އަދި މިދިޔަ މަހުގެ 22 ނިޔަލަށް ދެ ބިލިޔަން ރުފިޔާ ފޮނުވިއެވެ. މިއީ ކައުންސިލްތައް ބާރުވެރިކުރުވުމަށާއި، ރަށްރަށުގެ އިގްތިސާދީ މާހައުލު ފުޅާކުރުމަށް ސަރުކާރުން އެޅި އަމަލީ ފިޔަވަޅުތަކެކެވެ.
ކުރިއަށް އޮތްތަނުގައި ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަންކަމުގެ ތެރޭގައި، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ލިބޭ ގްރާންޓުގެ އިންސައްތަ އިތުރުކުރުން ހިމެނެއެވެ. އަދި ބަޖެޓު ކަނޑައެޅުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލުކުރާނެއެވެ. މިއީ ކައުންސިލުތަކުގެ މާލީ ތަނަވަސްކަން އިތުރުކޮށް، ތަރައްގީގެ މަޝްރޫއުތައް ހަރުދަނާ ކުރުމަށް ކުރާ ކަންކަމެވެ.







