އަމިއްލަ ފަރުދުންގެ ވިޔަފާރިތައް ހިންގާ ފަރާތްތަކާއި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކުގެ މާލީ ހޭލުންތެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވުމުގެ މަގްސަދުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ހާއްސަ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
"މާލީ އަސާސްތަކާއި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް ދެނެގަތުން" މި ނަމުގައި ކުރިއަށްގެންދިޔަ ސެޝަނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ވިޔަފާރި ބިނާކުރުމުގެ ބޭނުމާއި، އަމިއްލަ ޒާތާއި ވިޔަފާރީގެ ގާނޫނީ ޝަހްސް ވަކިކުރުމުގެ މުހިންމުކަމުގެ އިތުރުން، ވިޔަފާރި ގާނޫނީގޮތުން ރަޖިސްޓަރީކުރުމުން ލިބޭ ފައިދާތަކުގެ މައްޗަށެވެ.
މީގެއިތުރުން، އެކައުންޓިންގ މިންގަނޑުތަކާ އެއްގޮތަށް މާލީ ހިސާބުތައް ބެލެހެއްޓުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް ބައިވެރިންނަށް މައުލޫމާތު ދެވުނެވެ. އެގޮތުން، ޑަބަލް އެންޓްރީ އުސޫލާއި، ބެލެންސް ޝީޓާއި، އިންކަމް ސްޓޭޓްމަންޓް އަދި ކޭޝް ފްލޯ ސްޓޭޓްމަންޓް ފަދަ މާލީ ބަޔާންތައް އެކުލަވާލާނެ ގޮތްތަކާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިސާބުތައް ބެލެހެއްޓޭނެ ނިޒާމުތައް ބައިވެރިންނާ ހިއްސާކުރެވުނެވެ.
ހަމައެއާއެކު، މި ސެޝަންގައި ޕެންޝަނާ ގުޅޭގޮތުން އަގުހުރި މައުލޫމާތުތަކެއް ވަނީ ފޯރުކޮށްދީފައެވެ. ވަކިން ހާއްސަކޮށް، އަމިއްލަ ވިޔަފާރިވެރިންނަކީ ދާއިމީ މުވައްޒަފުން ނުގެންގުޅުނު ނަމަވެސް، އަމިއްލައަށް އިސްނަގައިގެން ޕެންޝަނަށް ފައިސާ ޖަމާކުރެވޭނެ ބައެއްކަން ފާހަގަކުރިއެވެ. އަދި ރިޓަޔަރމަންޓް އުމުރު ކަމުގައިވާ 65 އަހަރު ފުރުމަށްފަހު، ހަމައެއެކަނި ދައުލަތުގެ އަސާސީ ޕެންޝަނަށް ބަރޯސާނުވެ، އަމިއްލަ މާލީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވުމުގެ މުހިންމުކަމާއި އޭގެ ފައިދާތައް ބަޔާންކޮށްދެވުނެވެ.
މި ސެޝަނުގެ މައިގަނޑު އަމާޒަކީ، އަމިއްލަ ފަރުދުންގެ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ވިޔަފާރި ރައްކާތެރިކަމާއެކު ފުޅާކުރުމުގެ ހުނަރުތައް އުނގަންނައިދިނުމާއި، ދިގު މުއްދަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޕެންޝަނަށް ފައިސާ ރައްކާކުރުމުގެ އާދަ އަށަގެންނެވުމެވެ.









