ޒުވާނުން މާލީ މުސްތަގްބަލު ރޭވުމަށާއި ރިޓަޔަރމަންޓް ޕެންޝަންގެ ފުރުސަތުތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން ހާއްސަ ސެޝަނެއް ންޝަން އޮފީހާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިން (އެފްޕީއޭ) ބާއްވައިފިއެވެ.
"ފިއުޗަރ ފައުންޑޭޝަންސް"ގެ ނަމުގައި މި ސެޝަން ކުރިއަށްގެންގޮސްފައިވަނީ ޕެންޝަން އޮފީހާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގުޅިގެންނެވެ. 19 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވި މި ސެޝަނަކީ ވަޒީފާގެ މައިދާނަށް ނުކުންނަން ތައްޔާރުވާ އަދި އަލަށް ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ސެޝަނެކެވެ. މި ސެޝަންގެ މައިގަނޑު މަގްސަދަކީ ދުޅަހެޔޮ ގުޅުންތަކާއި މާލީ ހޭލުންތެރިކަމުގެ މައުލޫމާތު ދިނުމުގެ އިތުރުން، ޒުވާން އުމުރުގައި ވިސްނުންތެރިކަމާއެކު މުސްތަގުބަލު ރޭވުމަށް ބޭނުންވާ އަމަލީ މައުލޫމާތު ފޯރުކޮށްދިނުމެވެ.
މި ސެޝަންގެ ތެރެއިން "ސެކިއަރ ޓުމޯރޯ: އަންޑަސްޓޭންޑިންގ ޕާސަނަލް ފައިނޭންސް އެންޑް ޕްލޭނިންގ އަހެޑް" ބައިގައި މާލީ ލަނޑުދަނޑިތައް ކަނޑައެޅުމާއި، ބަޖެޓްކުރުމާއި، ކްރެޑިޓާއި ދަރަނި، އަދި ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި، ކޮމްޕައުންޑް ރިޓާންސް، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އާބެހޭ އަސާސީ މައުލޫމާތު ދީ، ފައިސާ ރައްކާކޮށްގެން މާލީ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ގޮތްތައް ވަނީ ކިޔައިދީފައެވެ. މީގެއިތުރުން، މުސްތަގުބަލުގައި މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވީހާވެސް ހަގު އުމުރެއްގައި ރިޓަޔަރމަންޓަށް ޕްލޭންކުރަން ފެށުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
އޭގެއިތުރުން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސެޝަންގައި ރަނގަޅު ގޮތުގައި ގުޅުންތައް ދެމެހެއްޓުމާއި، ހެޔޮގޮތުގައި މުއާމަލާތުކުރުމާއި، އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލިއެވެ. އަދި ހަރުދަނާ އިޖުތިމާއީ ގުޅުންތަކެއް ބިނާކުރުމާއި ފަހި މުސްތަގުބަލަކަށް މަގުފަހިވާނޭ ނިންމުންތައް ނިންމުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ އަމާޒުގައި ތަފާތު އުމުރުފުރާތަކަށް ފެތޭ ގޮތަށް ޕްރޮގްރާމްތައް ފަރުމާކުރަމުންދާއިރު، ވިސްނުންތެރިކަމާއެކު މާލީ ނިންމުންތައް ނިންމުމަށާއި ހަގު އުމުރުގައި ރިޓަޔަރމަންޓަށް ޕްލޭންކުރުމަށް ބާރުއެޅުމުގެ ގޮތުން މިފަދަ އިތުރު ސެޝަންތައް ކުރިއަށްގެންދާނެކަމަށް ޕެންޝަން އޮފީހުން ވަނީ ހާމަކޮށްފައެވެ.









