ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ދުވަސްވަރަކީ އެލްނީނޯގެ ދުވަސްވަރަކަށްވުމާއެކު، ކުއްލިއަކަށް މޫސުން ގޯސްވެ ވިއްސާރަވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދާއިރު، އެންމެ ބޮޑަށް މޫސުން ގޯސްވާނެކަމަށް އަންދާޒާކޮށްފައިވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ. ވައިގެ ބާރުމިން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މި ދުވަސްވަރު ވާރޭވެހުމުގެ ސަބަބުން ވިސިބިލިޓީ ނުވަތަ ދުރު ފެންނަ މިންވަރު ދަށްވެފަވާކަމުގައި މެޓް އޮފީހުން ހާމަކުރިއެވެ. އެގޮތުން އާންމުކޮށް ދުރު ފެންނަ މިންވަރު 9 ކިލޯމީޓަރުގައި ހުރި ނަމަވެސް، މިވަގުތު ދުރު ފެންނަ މިންވަރު ހުރީ 7 ކިލޯމީޓަރުގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއްވިއެވެ.