މިދުވަސްކޮޅު ރާއްޖެއަށް މޫސުންގޯސްވެ ބޯކޮށް ވާރޭވެހެމުންދާއިރު، އާދިއްތަ ދުވަހަށް މޫސުން އަލިވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން (މެޓް އޮފީސް) ލަފާކޮށްފިއެވެ. އެހެންނަމަވެސް މިއަންނަ ހަފްތާގެ އަންގާރައިން ފެށިގެން މޫސުން ގޯސްވެ ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމުގައި އެ އިދާރާއިން ހާމަކުރިއެވެ. މީގެ އިތުރުން، ވައިގަދަވިނަމަވެސް ވިއްސާރަވާނެތޯ ނުވަތަ ނޫންތޯ އަދި ލަފާނުކުރެވޭކަމުގައިވެސް ހާމަކުރިއެވެ.
މިއަދުގެ މޫސުމަށް ބަލާއިރު އުތުރާ މެދު ރާއްޖެތެރެއަށް ވިއްސާރަވާނެކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށްވެސް އެ އިދާރާއިން ލަފާކުރިއެވެ. އަދި މީގެތެރެއިން ބައެއް ރަށްތަކަށް ވިއްސާރަކުރާނެކަމަށް އެ އިދާރާއިން ހާމަކުރިއެވެ.
ފާއިތުވި 24 ގަޑިއިރުތެރޭ އެންމެ ގިނައިން ވިއްސާރަކޮށްފަވަނީ ކުޅުދުށްފުށި ސިޓީއަށްކަމަށާއި، އަދ އެއީ 188.3 މިލިލީޓަރުގެ ވާރޭކަމުގައި އެ އިދާރާއިން ފާހަގަކުރެއްވިއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭވެހިފަވަނީ ހަނިމާދޫއަށް، 125.7 ލީޓާރުގެ ވާރޭއެވެ. މީގެއިތުރުން ބޯކޮށް ވާރެވެހިފަވާ ރަށްތަކަކީ، ކ.ދިއްފުއްޓަށް 62.4 މިލިލީޓަރ، ފ.ނިލަންދޫ އަށް 59.3 މިލިލީޓަރ، ނ.މާފަރަށް 58.7 މިލިލީޓަރ އަދި ރ.އިފުރަށް 52.5 މިލިލީޓަރގެ ވާރޭއެވެ.





