މޫސުމާ ބެހޭ ތަފްސީލީ މައުލޫމާތާއި ނުރައްކާތެރި މޫސުމީ ހާލަތްތަކުގެ އިންޒާރު އާންމުންނަށް އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމްއެމްއެސް) އިން ފަރުމާކޮށްފައިވާ އޮފިޝަލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން "މޫސުން" ގެ އާ ވާޝަން އިފްތިތާހުކޮށްފިއެވެ.
މި ޑިޖިޓަލް ޕްލެޓްފޯމްތައް އިފްތިތާހުކޮށްފައިވަނީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް އާއި މެޓް އޮފީސް ގުޅިގެން ހިންގާ "ތައްޔާރު" ޕްރޮޖެކްޓްގެ ދަށުންނެވެ.
އަލަށް އިފްތިތާހުކުރެވުނު ވަސީލަތްތަކުގައި ރިއަލް-ޓައިމް މޫސުމީ ސްޓޭޝަންތަކުގެ މައުލޫމާތާއި، ހައި-ރެޒޮލިއުޝަން މޫސުމީ މޮޑެލްތަކުގެ އިތުރުން ސެޓެލައިޓް އިމޭޖަރީ އެކުލެވިގެންވެއެވެ. މީގެ ސަބަބުން ވަކިވަކި ސަރަހައްދުތަކަށް ހާއްސަކޮށްގެން މޫސުން ކުރިއަށް ލަފާކުރާ މައުލޫމާތު ކުރިއަށްވުރެ ސައްހަކޮށް ފޯރުކޮށްދެވޭނެއެވެ. މީގެއިތުރުން، ވަގުތުން މޫސުމަށް އަންނަ ބަދަލުތަކާއި، ދިޔަވަރުގެ މައުލޫމާތާއި، ކަނޑުގެ ހާލަތުގެ ރިޕޯޓުތަކުގެ އިތުރުން ކުއްލި މޫސުމީ އިންޒާރުތައް ޕުޝް ނޯޓިފިކޭޝަން މެދުވެރިކޮށް ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
މި ޕްލެޓްފޯމްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފެވެ. އަދި މި ހިދުމަތްތަކުގެ ފަހަތުގައިވާ ނިޒާމުތަކާއި މީޓިއޮރޮލޮޖިކަލް ޑޭޓާ މަސައްކަތްކުރާ ގޮތުގެ ޕްރެޒެންޓޭޝަނެއް ސްޓޭޓް މިނިސްޓަރ އިބްރާހީމް މިމްރާހު ވަނީ ހުށަހަޅުއްވާފައެވެ.
"ތައްޔާރު" ޕްރޮޖެކްޓަކީ ރާއްޖޭގެ މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމުގެ ނިޒާމުތައް ވަރުގަދަކޮށް، މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށް ޔޫއެންޑީޕީ އާއި މެޓް އޮފީސް ގުޅިގެން ހިންގާ ހަރަކާތެކެވެ. މި ޕްރޮޖެކްޓަށް ހަރަދުކުރަނީ، ޔޫއެންޑީޕީ އާއި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން، ގްލޯބަލް ޑިވެލޮޕްމަންޓް އެންޑް ސައުތު-ސައުތު ކޯޕަރޭޝަން ފަންޑު މެދުވެރިކޮށް ޗައިނާ ސަރުކާރުންނެވެ.
މެޓް އޮފީހުގެ އާ ވެބްސައިޓު މިހާރު އާންމުންނަށް ބޭނުންކުރެވޭނެއެވެ. އަދި އަޕްގްރޭޑް ކުރެވިފައިވާ "މޫސުން" އެޕްލިކޭޝަން އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.








